އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އެހީވުމަށް ޗައިނާ ދެމިއޮންނާނެ: ސަފީރު ޝިންހުއާ

ދިވެހިރާއްޖެއަށް ބޭނުންވާ ކަންކަމުގައި އެހީވުމަށް ޗައިނާއިން ދެމިއޮންނާނޭކަމަށް އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

މިފަހުން ޗައިނާ އާއި ރާއްޖެއާ ދެމެދު އެކުލަވާލެވުނު ބައެއް އެއްބަސްވުންތަކާއި އަދި ދެޤައުމުގެ ގުޅުމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ސަފީރު ޝިންހުއާ ވިދާޅުވީ، މިއަދުވެސް ތަކުރާރުކޮށް ދަންނަވަން އޮތް ވާހަކައަކީ ރާއްޖެއިން ބޭނުންވާ ކަންކަމުގައި ޗައިނާއިން އެހީވުމަށް ތައްޔާރަށް އޮންނާނޭ ވާހަކަ ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ މާލީ ކަންކަމާއި އެނޫންވެސް ތަރައްޤީގެ އެކިއެކި ކަންކަމުގައި ޗައިނާއިން އެހީވާނޭކަމުގެ ޔަގީންގަން ދެއްވާކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަނީ ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ދެޤައުމު ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މާލީހާލަތުން އަރައިގަތުމަށް އެޤައުމުން ކޮށްދެވޭނެ ކަންކަމާ ގުޅޭގޮތުން ވާހަކަތައް ދެކެވެމުންދާކަން ސަފީރުގެ ފާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ނޫސްވެރިންގެ މި ބައްދަލުވުމުގައި ސަފީރުވަނީ މީގެކުރިންވެސް ޗައިނާއިން ބުނަމުންދާ އެއް ވާހަކަ ތަކުރާރުކުރައްވާފައެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް މާލީ އެހީތައް ދޭނީ އެކަމުގެ ބުރަ ދިވެހި ދައުލަތުގެ މާލިއްޔަތަށް އުފުލަންނުޖެހޭފަދަ ގޮތަކަށްކަން ފާހަގަކުރައްވައި ވާހަކަަދައްކަވާފައެވެ.

ސަފީރު ޝީންހުއާ ވިދާޅުވީ ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމުގެ ގާބިލިއްޔަތުކަން ސަރުކާރުގެ ހުރިކަން ފާހަގަކުރައްވައި ދިވެހި ރައްޔިތުންވެސް ސަރުކާރަށް އިތުބާރުކުރުމަށް އެދިވަޑައިގެންފައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ސަފީރު ވަނީ ޗައިނާގެ އެހީގެ ދަށުން ވިލިމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ހޮސްޕިޓަލާއި، އަތޮޅުކައުންސިލް އިދާރާތަކުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. ވިލިމާލޭގައި އެޅޫމަށް ތައްޔާރުވަމުންދާ ހޮސްޕިޓަލްގެ ޑިޒައިންކުރުމުގެ ކަންކަން ބިޑިން މަރުހަލާގައި އޮތްއިރު، 50 ކައުންސިލް އިދާރާގެ މަސައްކަތް ކުރަންޖެހޭ ތަނުގެ ފީސިބިލިޓީ މަސައްކަތް ނިމިފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަފީރެއްގެ ގޮތުގައި ރާއްޖެއަށް ކޮން ޝިންހުއާ ހަމަޖައްސަވާފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ. ޝިންހުއާ އެންމެފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރެއްވީ މީގެ އަހަރުތަކެއްކުރިން ފަތުރުވެރިއެއްގެ ގޮތުގައެވެ. ޝިންހުއާ އަކީ ރާއްޖޭގައި ތިއްބަވާ އެހެން ޤައުމުތަކުގެ ސަފީރުންނާ ހިލާފަށް ރާއްޖެއާމެދު ހައްސަ ގޮތްތަކެއް ބަހައްޓަވާކަމަށް ގިނަ ބަޔަކު ފާހަގަކުރާ ޑިޕްލޮމެޓެކެވެ.

ގުޅުންހުރި ލިޔުންތައް