އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ނަމާދު އަދާކުރަން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު: ޚުޠުބާ

ޤިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން މުހިންމުކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާން ކޮށްދީފިއެވެ.

”ނަމާދުގައި ޚުޝޫޢަތްތެރިވުން“މި މައުޟޫޢުއަށް މިއަދު ދިން ހުކުރު ޚުޠުބާގައި ބުނީ އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދު ކަމަށާއި ނަމާދަކީ ދީނުގެ ތަނބު ކަމަށެވެ.

އަދި އެއީ އެއާނުލައި، އެހެނިހެން ޢަމަލުތައް ޤަބޫލުވެވިގެން ނުވާނޭ އަޅުކަމަކަށް ވާތީ ޤިޔާމަތް ދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން އެއީ ނުހަނު މުހިންމު ކަމެއް ކަމަށް މިއަދުގެ ހުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

”ހަމަކަށަވަރުން ޤިޔާމަތްދުވަހު އެންމެފުރަތަމަ އަޅާގެ ޢަމަލުތަކުގެ ތެރެއިން ހިސާބު ބެއްލެވޭހުށީ އޭނާގެ ނަމާދާމެދުގައެވެ. އޭނާގެ ނަމާދުތައް ރަނގަޅުވެއްޖެ ނަމަ ހަމަކަށަވަރުން ނަޖާވެ ކާމިޔާބުވެއްޖެއެވެ. އޭނާގެ ނަމާދުތައް ގޯސްވެއްޖެ ނަމަ ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ.“ ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

އެހެންކަމުން މުސްލިމު އަޅާ، ފަރުޟު ފަސް ނަމާދު އަދާކޮށްފައި ހުންނާން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތްނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައި ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ޙުޠުބާގައި ބުނީ ނަމާދުކުރާންވީ ގޮތަށް، ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމާ އެކު އެ އަޅުކަން އަދާކުރާ މީހުންނަށް، އުޚުރަވީ ޙަޔާތުގައި ލިބޭނޭ ސަވާބާއި ދަރުމައިގެ އިތުރަށް، އެ މީހުންގެ ދުންޔަވީ ޢަމަލުތައް ވެސް ހެއުވެ، ޞާލިޙުވާ ކަމަށެވެ.

ހަމައެހެންމެ ނުބައި ކަންތަކާއި، މުންކަރާތްތަކާއި، ފާފަވެރިވާ ކަންކަމުން ނަމާދު، އެބައިމީހުން ރައްކާތެރިކޮށްދޭ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

”އަދި ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި،މުންކަރާތްތައް ނަހީކުރާ ކަމެކެވެ.“ މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

މިއަދުގެ ޚުޠުބާގައި ވަނީ ނަމާދުގައި މަޑުމައިތިރިވެ ޚުޝޫޢަތްތެރިވުމަށާއި މާތް اللّٰهއަށް ބިރުވެތިވުމަށް ހަނދާންކޮށްދީފައެވެ.

ނަމާދަކީ ތިމާގެ ޙަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހެދުމަށާއި އެއީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށް ނުހެދުމަށް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން ނަމާދަކީ އެ އަޅުކަމަށް ވަގުތު ހުސްކޮށްގެން ކުރާހިތުން ގަޔާވެގެން އޭގެ ވަގުތުގައި އަދާކުރާ އަޅުކަމަކަށް ހެދުމަށާއި ނަމާދަށް ހުންނަ އިރު، އެ ހުރެވެނީ ތިމާގެ ޚާލިޤުވަންތަ اللّٰهއާ މުނާޖާ ދަންނަވަންކަން ހަނދާންކުރުމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް