ބޭންކް އޮފް މޯލްޑިވްސް އިން ”މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން މިއަދު ގދ. މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ.
އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މިއީ ރައްޔިތުނަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
”އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ މުޖުތަމަޢުތަކަށް ވީހާވެސް ގާތުން ބޭންކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަކީ އެ މަގްސަދު ހާސިލްކުރުމަށް ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް.“ ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސާވިސް ބޭންކިން ސެންޓަރު، 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.