ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމް ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫޢުގެ ދަށުން ގއ. ކޮނޑޭގައި އޭޓީއެމް ބަހައްޓައި މިއަދު ޚިދުމަތްދޭން ފަށައިފިއެވެ.
ކޮނޑޭގައި ރަސްމީކޮށް އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ރަށު ކައުންސިލްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އޭޓީއެމުން ފައިސާ ނަންގަވައި، ވަޒީރު ޑރ. މުއްޠަލިބް ވަނީ ހަނދާނީ ބޭންކު ކާޑު ރަށު ކައުންސިލާ ޙަވާލުކޮށްދެއްވާފައެވެ.
އެހެން ރަށްތަކެކޭ އެއްގޮތަށް ކޮނޑޭގައި ބެހެއްޓި އޭޓީއެމުން ވެސް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބިލަށް ފައިސާދެއްކޭނެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކުން ބީއެމްއެލްގެ ޚިދުމަތް ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅު ތަންފީޒުކުރެއްވުމުގެ ގޮތުން މިހާތަނަށް 9 އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމްގެ ޚިދުމަތް ފަށައިފައެވެ.
ބީއެމްއެލް އިން މިހާރު އަންނަނީ ރާއްޖޭގެ 20 އަތޮޅުގައި 42 ބްރާންޗް ހިންގަމުންނެވެ.