ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ނިރުބަވެރި އިޒްރޭލުން ފާއިތުވި 72 ގަޑިއިރު ތެރޭގައި މުސްލިމް 6 ގައުމަކަށް ހަމަލާދީފި

ޖައްބާރު ނަތަންޔާހޫގެ އޯޑަރަށް އަދި އެމެރިކާ އަޑީގައި އޮވެގެން ޔަހޫދީ އިޒްރޭލުން ވޭތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި ޖުމްލަ 6 ގައުމަކަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

އެމެރިކާގެ އެހީތެރިކަމާއި އެކު ދުނިޔޭގައި ހަމަ ނުޖެހުން ހިންގަމުން އަންނަ ޔަހޫދީ އިޒްރޭލުން ހަމަލާދީފައިވަނީ ފަލަސްތީނާއި، ލެބަނަން، ސީރިއާ، ޓިއުނީޝިއާ، ޤަތަރު އަދި ޔަމަނަށެވެ.

ހޯމަ ދުވަހު ލެބަނަންގެ ބެކާ އަދި ހަރްމަލް ސަރަހައްދުތަކަށް އިޒްރޭލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ދިން ހަމަލާގައި މަދުވެގެން 5 މީހުން މަރުވެފައިވެއެވެ. އިޒްރޭލުގެ ސިފައިން ބުނެފައިވަނީ މި ހަމަލާ އަމާޒުކޮށްފައިވަނީ ހިޒްބުއްލާގެ ހަތިޔާރު ގުދަންތަކާއި އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި ހުރި ހަމާސްގެ ލީޑަރޝިޕް ކޮމްޕައުންޑަކަށް އަންގާރަ ދުވަހު އިޒްރޭލުން ދިން ހަމަލާގައި 6 މީހުން ޝަހީދުކޮށްލާފައިވެއެވެ. މީގެ ތެރޭގައި ހަމާސްގެ އިސް ލީޑަރެއް ކަމުގައިވާ ޚަލީލް އަލް-ހައްޔާގެ ދަރިކަލަކާއި، އޭނާގެ އޮފީހުގެ ޑިރެކްޓަރާއި، 3 ބޮޑީގާޑުންނާއި، ޤަތަރުގެ ސެކިއުރިޓީ އޮފިސަރެއް ހިމެނެއެވެ. ނަމަވެސް ހަމާސްގެ އެންމެ އިސް ލީޑަރުން މި ހަމަލާއިން ސަލާމަތްވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

ޔަމަނުގެ ވެރިރަށް ސަނާއާއި އަލް-ޖައުފް ސަރަހައްދަށް އިޒްރޭލުން ދިން އެންމެ ފަހުގެ ހަމަލާގައި 35 މީހުން ޝަހީދުވެ، 131 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި ހޫތީ ބަޔާންކުރާ ބޮޑުވަޒީރު އަހްމަދް އަލް-ރަހާވީ އާއި އިސް އޮފިޝަލުން ޝަހީދުވެފައިވެއެވެ.

ޔަމަނުގެ ސިއްހީ މިނިސްޓްރީން ބުނެފައިވަނީ މިއީ އަންދާޒާ އަދަދުތަކެއް ކަމަށާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާތީ މި އަދަދު އިތުރުވެދާނެ ކަމަށެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ މަދަނީ އަދި ރިހާއިޝީ ސަރަހައްދުތަކަށެވެ. މީގެ ތެރޭގައި ސަނާގެ އަލް-ތަހްރީރު ސަރަހައްދުގެ ގެތަކާއި، ސިއްހީ މަރުކަޒެއް، އަދި އަލް-ޖައުފްގެ ވެރިރަށް އަލް-ހަޒްމްގައި ހުރި ސަރުކާރުގެ އިމާރާތްތަކެއް ހިމެނެއެވެ.

ޓިއުނީޝިއާގެ ކަނޑު ސަރަހައްދުގައި އޮތް ’ފެމިލީ‘ ނަމަކަށް ކިޔާ ބޯޓަކަށް ރޭގަނޑުގެ ވަގުތެއްގައި ހަމަލާއެއް ދީފައިވެއެވެ. ގްލޯބަލް ސުމޫދް ފްލޮޓިލާއިން ބުނެފައިވަނީ އިޒްރޭލުގެ ޑްރޯނަކުން ހުޅުހިފާ އެއްޗެއް އެ ބޯޓަށް އަމާޒުކޮށް ވައްޓާލި ކަމަށާއި، އޭގެ ސަބަބުން ކުޑަ އަލިފާންގަނޑެއް ރޯވެފައިވީ ނަމަވެސް އެ އަލިފާން ވަނީ އަވަހަށް ނިއްވާލެވިފައި ކަމަށެވެ. އަދި އަންގާރަ ދުވަހުގެ ރޭ ދެވަނަ ހަމަލާއެއްގައި ބްރިޓިޝް ދިދަ ނަގައިގެން ދުއްވާ އަލްމާ އުޅަނދަށްވެސް ޓިއުނީޝިއާގެ ކަނޑުގައި ހަމަލާދީފައިވެއެވެ.

މިހާރު އިޒްރޭލުން ހަމަލާދީފައިވާ ގައުމުތަކުގެ ލިސްޓަށް ޤަތަރުވެސް އިތުރުވެފައިވާއިރު، މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި އެހެން ގައުމުތަކުގެ ސިޔާދަތަށް އިޒްރޭލުން ދެމުންދާ ހުތުރު ހަމަލާތަކުގެ ތެރެއިން އިތުރު ހަމަލާތަކެކެވެ. މި ހަމަލާތަކަކީ އިޒްރޭލުން ގަވާއިދުން ޚިލާފުވަމުންދާ ކަންކަން އާންމުކޮށް، ހަނގުރާމަވެރި ޢަމަލުތަކުގެ އިންތައް ފުޅާކުރުމުގެ ގޮތުން ދެމުންދާ ހަމަލާތަކެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

އެމެރިކާގެ އެހީތެރިކަމާއިއެކު ޣައްޒާގައި އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތައް އިތުރަށް ހަރުކަށިވެ، ހޯމަ ދުވަހުން ފެށިގެން މަދުވެގެން 150 މީހުން ޝަހީދުވެ، 540 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 14 މީހުންނާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި ދެކުދިން ހިމެނެއެވެ. 2023 އޮކްޓޯބަރުން ފެށިގެން މިހާތަނަށް ޣައްޒާގައި މަދުވެގެން 64,656 މީހުން ޝަހީދުވެފައިވާއިރު، މީގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި 404 މީހުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް