ބާޒާރުގައި އޮރެންޖު މަދުވެ އަގުތައް ބޮޑުވަމުންދާތީ، އެސްޓީއޯއިން އޮރެންޖު އެތެރެކޮށް ކިލޯއެއް 35 ރުފިޔާގެ ރޭޓުން ވިއްކަން ފަށައިފިއެވެ.
މިވަގުތު އެސްޓީއޯ ސުޕަމާކެޓުތަކުގައި އޮރެންޖު ލިބެން ހުރިނަމަވެސް، ވިއްކަމުންދަނީ ހަމައެކަނި ރީޓެއިލް ކަސްޓަމަރުންނަށް ކަމަށާއި، ބަލްކުން ގަތުމަށް އެދޭ ވިޔަފާރިވެރިންނަށް މިހާރު ނުވިއްކާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯގެ ސުޕަމާކެޓު ހަރުތަކުން އޮރެންޖު ލިބެން ހުރިއިރު، މިހާރު ވިއްކާ އަގުން ބަލާނަމަ އެންމެ އޮރެންޖެއްގެ އަގު ޖެހެނީ ގާތްގަނޑަކަށް 6 ރުފިޔާއެވެ. ނަމަވެސް ބާޒާރުގައި އޮރެންޖެއްގެ އަގު މިވަގުތު ހުރީ 10 ރުފިޔާގައެވެ. މީގެ އިތުރުން، އޮރެންޖު އެތެރެކުރާ ބައެއް ފަރާތްތަކުން ވިއްކަމުންދަނީ މީހަކަށް މަދުވެގެން 10 އޮރެންޖުގެ ރޭޓުން ކަމަށް މަޢުލޫމާތު ލިބެއެވެ.
އާންމު އަސާސީ މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް އެސްޓީއޯއިން ގާތުން ބަލަމުންދާ ކަމަށާއި، މިދިޔަ ދުވަސްވަރު ކުކުޅު ބިސް، ފިޔާ އަދި އަލުވީގެ އަގުތައް މަތިވުމާ ގުޅިގެން މި އަހަރުތެރޭގައި ދެ ފަހަރު މާކެޓް އިންޓަވެންޝަން ހަދާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން އަމިއްލައަށް މުދާ އެތެރެކޮށް، ބާޒާރަށްވުރެ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ފެށުމުން، ބާޒާރުގައި އަގުތައް ދަށްވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މިއީ ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.