ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ވޯލްޑްކަޕް ކޮލިފައިން: ރޮނާލްޑޯގެ މުހިންމު ގޯލަކާއިއެކު ޕޯޗުގަލް އިން ހަންގޭރީ ބަލިކޮށްފި

ވޯލްޑްކަޕް ކޮލިފައިންގް ގުރޫޕް އެފްގައި މިރޭ ރަށުން ބޭރުގައި ޕޯޗުގަލް އިން ހަންގޭރިއާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕޯޗުގަލް އިން ގުރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ހަންގޭރީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖްރިބާކާރު ފޯވާޑް ބާނަބަސް ވާގާއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ޕޯޗުގަލް އަދި ހަންގޭރީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕޯޗުގަލް އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބެނާޑޯ ސިލްވާއެވެ. މިއީ އެޓީމުގެ ޑިފެންޑަރު ޖޮއާއު ކަންސެލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ މެޗު ޑޮމިނޭޓްކުރީ ޕޯޗުގަލް އިންނެވެ. އަދި މިމެޗުގައި ޕޯޗުގަލް އިން ފުރަތަމަ ފަހަރަށް ލީޑުހޯދީ ފަހުހާފުގެ 58 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިއީ ޕޯޗުގަލް ގައުމީ ޓީމަށް ކުޅެދިން 223 މެޗުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން 141 ވަނަ ލަނޑެވެ. އަދި މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 943 ވަނަ ލަނޑެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ޕޯޗުގަލް އަދި ހަންގޭރީ ބައްދަލުކުރި މެޗުގެ ތެރެއިން

ހަންގޭރީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ވާގާ އެވެ. ނަމަވެސް އޭގެ ދެމިނެޓް ފަހުން ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަންސެލޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑުހޯދައިދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

މިނަތިޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ޕޯޗުގަލް އޮތްއިރު، މިމެޗުން ބަލިވި ހަންގޭރީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ލިބުނު އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. އަދި މިގުރޫޕްގައި މިރޭ ކުޅުނު ދެވަނަ މެޗުގައި އަރްމޭނިއާ އިން ވަނީ 2-1 ގެ ނަތީޖާއަކުން އަޔަލެންޑް ބަލިކޮށް ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ.

ގުޅުންހުރި ލިޔުންތައް