ބ. ދޮންފަނުގެ ބިން ހިއްކުން ކުރިޔަށް ނުގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިހެން ވިދާޅުވެފައިވަނީ ސޯޝާލް މީޑީއާގައި އެމަނިކުފާނުކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެންކަމަށާއި ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށެވެ.
”އަޅުގަނޑު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް.“ ރައީސްގެ ޕޯސްޓްގައި ވެއެވެ.
ރައީސް ވިދާޅުވީ ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދުވެވަޑައިގެންނެވި ކަމަށާއި އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއި ވެސް ކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް، އެކަން މިހާރު ބޭނުން ނުވާ ކަމަށް އެމަނިކުފާނަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާތީ އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



