ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގައި މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ފެނަކަ އަދި ސްޓެލްކޯއިން ބިލުކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
މި ނިންމެވުން ރައީސް ހާމަކުރައްވާފައިވަނީ މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ބަދަލު އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ރައީސް މުޢިއްޒުގެ މި ނިންމެވުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ. މި ބަދަލާ ގުޅިގެން ކައުންސިލްތަކަށް މުނިސިޕަލް އެހެނިހެން ޚިދުމަތްތަކަށް ޚަރަދުކުރުމަށް އިތުރު ފައިސާ ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.
މިހާރު އަމަލުކުރަމުންދާ ގޮތުން، މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ބިލުކުރަމުން އަންނަނީ ވިޔަފާރި ރޭޓުންނެވެ. އެހެންކަމުން، މި ބަދަލަކީ ކައުންސިލްތަކުގެ ޚަރަދުތައް މިހާރަށްވުރެ ބޮޑުތަން ކުޑަވެގެންދާނެ ބަދަލެކެވެ.
މި ނިންމެވުމަކީ ރަށްރަށުގެ ތަރައްޤީއަށާއި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ނިންމެވުމެއް ކަމަށް ގިނަ ކައުންސިލްތަކުން ފާހަގަކުރަމުންދެއެވެ.



