ޗުއްޓީ ދުވަސްތަކާ ގުޅިގެން މޯލްޑިވިއަން އެއާލައިންސް އިން މެލޭޝިއާގެ ކުއަލަލަންޕޫރާއި ތައިލޭންޑުގެ ބެންކޮކަށް ހާއްސަ ފްލައިޓްތަކެއް އޮޕަރޭޓް ކުރުމަށް ނިންމައިފިއެވެ.
މި ހާއްސަ ދަތުރުތައް ކުރިއަށް ގެންދާނީ ޑިސެމްބަރު މަހާއި ޖެނުއަރީ މަހުގެ ތެރޭގައެވެ.
ކުއަލަލަންޕޫރަށް ކުރާ ދަތުރުތައް ފެށޭނީ ޑިސެމްބަރު 21 ގައި ކަމަށާއި، ނިމޭނީ ޖެނުއަރީ 11 ގައި ކަމަށް މޯލްޑިވިއަން އިން ހާމަކޮށްފައިވެއެވެ. މި ފްލައިޓްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުއެވެ. ބެންކޮކަށް ކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 23 ގައި ކަމަށާއި، މި ސަރވިސް ނިންމާލާނީ ޖެނުއަރީ 13 ގައި ކަމަށްވެސް މޯލްޑިވިއަން އިން ބުނެފައިވެއެވެ. ބެންކޮކަށް ދާ ފްލައިޓްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުއެވެ.
މި ހާއްސަ ދަތުރުތަކުގެ ޓިކެޓުގެ އަގުތައް ވަރަށް ހެޔޮ ކަމަށް މޯލްޑިވިއަން އިން ފާހަގަކޮށްފައިވެއެވެ. ކުއަލަލަންޕޫރަށް ދާން ދެކޮޅު ޓިކެޓެއްގެ އަގަކީ 355 އެމެރިކާ ޑޮލަރެވެ. ބެންކޮކަށް ދާން ދެކޮޅު ޓިކެޓެއްގެ އަގު ހަމަޖެހިފައިވަނީ 399 އެމެރިކާ ޑޮލަރަށެވެ.
ދަތުރުވެރިންނަށް ޓިކެޓް ގަތުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. ޓިކެޓް ބުކް ކުރެވޭނީ މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ނުވަތަ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެންނެވެ. މީގެ އިތުރުން 24 ގަޑިއިރު ޚިދުމަތް ދޭ މޯލްޑިވިއަންގެ ކޯލް ސެންޓަރު 1671 އަށް ގުޅައިގެންވެސް ޓިކެޓް ބުކް ކުރެވޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
ޗުއްޓީ ދުވަސްތަކުގައި ދަތުރުފަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވާތީ، އަވަހަށް ޓިކެޓް ބުކް ކުރުމަށް މޯލްޑިވިއަން އިން އިލްތިމާސް ކޮށްފައިވެއެވެ.