ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން “ ދަ އިވެންޓްސް ކަލަންޑާ“ގެ ނަމުގައި ކަލެންޑަރެއް ތައާރަފްކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ކަލެންޑަރަކީ މުޅި ރާއްޖޭގައި ކުރިއަށްދާ ހުރިހާ އިވެންޓްތަކެއް އެއް ޕްލެޓްފޯމަކުން ދައްކުވައިދޭނެ ޕްލެޓްފޯމެއް ކަމަށެވެ.
އެގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ އެކިއެކި ފެސްޓިވަލްތަކާއި، ކުޅިވަރުގެ އެކި ހަރަކާތްތަކުން ފެށިގެންް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، މައުރަޒުތަކުގެ މަޢުލޫމާތު ހޯދުމުގެ މައި ހަބެއްގެ ގޮތުގައި މި ޕްލެޓްފޯމް މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެ އިވެންޓް ކަލަންޑަރުގެ ސަބަބުން ސްޓޭކްހޯލްޑަރުންނަށް އެމީހުންގެ އިވެންޓްތައް ކުރިއާލާ ޕްރޮމޯޓްކޮށް، ލޯކަލް އަދި އިންޓަނޭޝަނަލް ލެވަލެއްގައި ފުޅާ ދާއިރާއެއްގައި ވާސިލްވުމުގެ އަގުހުރި ފުރުސަތެއް ލިބިގެންދާނެ ކަމަށްވެސް ވިޒިޓް މޯލްޑިވްސް ވަނީ ބުނެފައެވެ.
ރާއްޖޭގެ ހާއްސަ ސިފަތަކާއި ފަތުރުވެރިން ގަޔާވާނެފަދަ ފަރުމާތަކާއެކު، އެ ކަލަންޑަރުގައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންނާއި، ރިސޯޓުތަކުންނާއި އަދި ރަށްރަށުން އަހަރު ތެރޭގައި ރާވާފައިވާ ހަރަކާތްތައް ހިމެނިފައިވާނެ ކަމަށްވެސް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. ސަގާފީ ހަރަކާތްތަކުން ފެށިގެން، ކުޅިވަރު މުބާރާތްތަކާއި ވެލްނަސް ރިޓްރީޓްތަކާއި އަދި ކެއްކުމާއި ކާބޯތަކެތީގެ ޝޯވކޭސްތަކާއި ހަމައަށް، ރާއްޖެއަކީ ފަތުރުވެރިންގެ ހަނދާނުގައި ދެމިހުންނާނެ ފަދަ މަންޒިލަކަށް ވާނެފަދަ ހުރިހާ ކަމެއް އެ ޕްލެޓްފޯމުގެ ޒަރިއްޔާއިން އެއްތަނަކުން ފެންނަން ހުންނާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ އަލަށް ތައާރަފުކުރި މި ހިދުމަތަކީ އެކްސްޕީރިއެންޝަލް އަދި އެޑްވެންޗަރ ފަތުރުވެރިކަން ފަތުރުވެރިކަން ކުރިއެރުވުމަށް ދެވޭ އިތުރު ހަރުފަތެއް ކަމަށެވެ. މި ކަލަންޑަރުގައި ދިވެހި ރާއްޖެއަށް ޒިޔާރަތްކުރާ މަޝްހޫރު ޝެފުންގެ ރެސިޑެންސީތަކާއި، ރާޅާއެޅުމުގެ ފެސްޓިވަލްތަކާއި، ފުޓުބޯޅަ ކުލިނިކުތަކުގެ އިތުރުން، ވެލްނަސް ރިޓްރީޓްތަކާއި ތަފާތު އެކި ރެކޯޑް މުގުރާލުމަށް ހިންގޭ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.
އެތަނުން އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަށް އެދޭނަމަ، އެ ޕްލެޓްފޯމް މެދުވެރިކޮށް ވަގުތުން ބޭނުންވާ ހަރަކާތަކާ ގުޅުމުގެ އިތުރުން، ހިލޭ ބައިވެރިވެވޭ ހަރަކާތްތަކުގެ މައުލޫމާތު ފަސޭހައިން ހޯދޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ލާމަސީލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަލަންޑަރު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާނެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އެގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެންބަރުންނާއި ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކާއި ސަފާރީ އަދި އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެހާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ކަލަންޑަރު އިތުރަށް ފުރިހަމަކުރުމުގެ މައުލޫމާތު ހިއްސާކުރުމަށް ދައުވަތު އަރުވައިފައެވެ.