އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ން ”ތިޖާރާ ރަށު ފަތުރު“ ގެ ނަމުގައި ރަށު ފަތުރުވެރިކަމަށް ޚާއްޞަ ލުއި ލޯނެއް ތަޢާރަފުކޮށް، އެއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ލޯން ސްކީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، އިސްލާމީ ޝަރީޢާގެ އުސޫލުން ލޯނު ދިނުމަށް އުފެއްދި ސްކީމެއް ކަމަށް އެސްޑީއެފްސީން މައުލޫމާތު ދެއެވެ. މި ސްކީމުގެ ދަށުން ގެސްޓް ހައުސް މަރާމާތުކުރުމާއި، އިމާރާތް އިތުރަށް ކުރިއަރުވާ، ގެސްޓްހައުސްގައި ރެސްޓޯރަންޓް، ކެފޭ ނުވަތަ ވޯޓަރ ސްޕޯޓްސް ފަދަ ކަންކަން އަލަށް ފަށައިގަތުމުގެ އިތުރުން ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކުރުމަށްވެސް ލޯނު ދޫކުރާނެ ކަމަށް އެސްޑީއެފްސީން މައުލޫމާތު ދެއެވެ.
އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ސްކީމުގެ ދަށުން ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ. ލޯނު ދެއްކުމަށް 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، ގިނަވެގެން 10 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް އެ އިދާރާއިން ބުނެއެވެ. އަދި، ފައިނޭންސިންގ ރޭޓުގެ ގޮތުގައި ލޯނުގެ ގޮތުގައި ދޫކުރި އަދަދުގެ 9.5 އިންސައްތަ ކޮންމެ މަހަކު ދައްކަން ޖެހޭނެ ކަމަށާއި ރަހުނެއް ދައްކަން ޖެހޭނީ ލޯނަށް ނަގައި ފައިސާ ނުވަތަ ޖުމުލަ އެކްސްޕޯޝަރ 700،000 ރުފިޔާއަށްވުރެ މަތިވާނަމަކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
އެސްޑީއެފްސީ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަގުސަދުގައި 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު އުފެއްދި ކުންފުންޏެކެވެ. އެހިސާބުން، އެކުންފުނިން އަންނަނީ ތަފާތު އަށް ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. މި ކުންފުނި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހަރުދަނާ މާލީ ހާލަތާއި ފުޅާ ވިއުގައާއި ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުމުގެ މަގުސަދުގައި މިދިޔަ މަހު ބީއެމްއެލް އަށް ވިއްކާލާފައެވެ.