ރާއްޖޭގެ އާބާދީގެ ސިއްހީ ހާލަތާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތާއި ތަފާސްހިސާބުތައް އެއްކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ”މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސާވޭ“ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އާބާދީގެ ސިއްހީ ހާލަތުގެ އިތުރުން ކުޑަކުދިންގެ ރައްކާތެރިކަމާއި ތައުލީމު ފަދަ 100 އަށްވުރެ ގިނަ މިންގަނޑަށް ބަލައިގެން ބައިނަލްއަގުވާމީ ފެންވަރުގައި މައުލޫމާތު އެއްކުރެވޭނެ ގައުމީ ބޮޑު ދިރާސާއެއް ކަމަށެވެ.
މި ސާވޭ ކުރިއަށްގެންދިއުމަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ދައުލަތުގެ ބަޖެޓުން 150 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ އިރު، މި މަސައްކަތަށް ދައުލަތުގެ ބަޖެޓުގެ އިތުރުން ޔުނިސެފް އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މާލީ އަދި ފަންނީ އެހީތެރިކަން ލިބޭނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ ސާވޭގައި ބޭނުންކުރާނެ ސުވާލުތައް އެކުލަވާލުމާއި، ސާވޭ ހިންގާނެ ރަށްތަކާއި ބައިވެރިވާނެ މީހުން ކަނޑައެޅުމުގެ އިދާރީ މުހިންމު މަސައްކަތްތަތްކަމަށް ގީލާ ވިދާޅުވިއެވެ.
މި ސާވޭގެ ތެރެއިން އާބާދީގެ ތެރޭގައި ހުރި ސިއްހީ ތަފާތު މައްސަލަތަކާއި، ނަފްސާނީ ސިއްހަތާ ގުޅޭ މައުލޫމާތުގެ އިތުރުން އެކި ބަލިތައް އުޅޭ ނިސްބަތް ސާފުކޮށް ދެނެގަނެވޭނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ސާވޭގެ ކަންކަން ކުރިއަށްގެންގޮސް އަންނަ އަހަރުގެ މެދެއްހާ ތަނުގައި އެކުލަވާލެވޭ ފައިނަލް ރިޕޯޓް ނިންމައި އާންމުކުރެވޭނެއެވެ.
ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ދިރާސާއަކީ ރާއްޖޭގެ ދުރުރާސްތާގެ ޕްލޭންތަކާއި ސިޔާސަތުތައް އެކުލަވާލުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ ގައުމީ ތަފާސްހިސާބުތައް އަދާހަމަކުރުމަށް ވަރަށް މުހިންމު ދިރާސާއެކެވެ.
ރާއްޖޭގައި މީގެ ކުރިން މިކްސް ސާވޭ ހަދާފައިވަނީ 1996 އަދި 2001 ވަނަ އަހަރު އެވެ. އޭގެފަހުން ގައުމީ ފެންވަރުގައި ހެދި އެންމެ ބޮޑު ސިއްހީ ދިރާސާއަކީ 2016-2017 ގައި ކުރިއަށްގެންދިޔަ ”ޑިމޮގްރަފިކް ހެލްތު ސާވޭ“ އެވެ. އާންމުކޮށް ކޮންމެ 5 އަހަރަކުން އެއްފަހަރު ޑިމޮގްރަފިކް ހެލްތު ސާވޭ ހަދަންޖެހުނު ނަމަވެސް، 2022 އިން 2024 އަށް އެ ސާވޭ ހެދުމަށް ހެލްތް މިނިސްޓްރީން ކުރި މަސައްކަތަށް ބަޖެޓު ހޯދުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އަދި 2025 ވަނަ އަހަރު ބައިނަލްއަގުވާމީ ޑިމޮގްރަފިކް ހެލްތު ސާވޭ ޕްރޮގްރާމް ހުއްޓުމަކަށް އައުމާ ގުޅިގެން، ރާއްޖޭގެ ސިއްހީ މައުލޫމާތު އަދާހަމަކުރުމަށްޓަކައި މިފަހަރުގެ ”މިކްސް ސާވޭ“ ގެ ތެރޭގައި ނަފްސާނީ ސިއްހަތާއި، ބޯފެނުގެ ކޮލިޓީ ޓެސްޓުކުރުމުގެ ބައިތައް ވަނީ ހިމަނާފައެވެ.
މީގެއިތުރުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްނަގައިގެން ހަދާ ”މައިކްރޮނިއުޓްރިއެންޓް ސާވޭ“ ގެ ބައިތައްވެސް އެއްކޮށްލައިގެން މިއީ އެއް ސާވޭއެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.



