ފުވައްމުލަކު ސިޓީ އެއާޕޯޓަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ އެކު މަޝްވަރާކޮށްފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުގެ ފަރާތުން ވަނީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު އާއި އެ ކުންފުނީގެ އިސް އެހެނިހެން ވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، އެމްއޭސީއެލް އިން މިހާރު އިސްކަންދެމުންދާ މައިގަނޑު ދާއިރާތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފުވައްމުލަކު އެއާޕޯޓްގެ މިހާރުގެ ޙާލަތު ދެނެގަތުމުގެ ދިރާސާ މަސައްކަތާއި، އެއަޕޯޓު ތަރައްޤީއަށް ބޭނުންވާ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ދެނެގަނެ، އެ ތަކެތި ހޯދުމުގެ މަސައްކަތް ހިމެނެ އެވެ.
ފުވައްމުލަކުގެ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ދާދިފަހުން އެ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރަން ޖެހިފައިވެ އެވެ. އެ އެއާޕޯޓު އަލުން ހުޅުވާފައި ވަނީ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު އެވެ. ފަޔާ ޓްރަކެއް ނެތި އެއާޕޯޓު ހިންގުމަކީ ހުއްދަ ކަމެއް ނޫނެވެ.
އެމްއޭސީއެލް އިން ހިންގަން ފަށާފައިވާ ފުވައްމުލަކަށް ދަތުރުތައް ބާއްވަނީ ހަމައެކަނި ގައުމީ އެއާލައިން، މޯލްޑިވިއަނުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ދެ ދަތުރު ބާއްވައެވެ.
ފުވައްމުލަކު އެއާޕޯޓަކީ އައްޑޫގައި 2011 ގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކޮށް ހުޅުވި އެއާޕޯޓެކެވެ. އެ އެއާޕޯޓް ތަރައްގީކުރީ އެސްޓީއޯއިންނެވެ.