އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، އަންނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން ދެ ބަދެލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބަދަލުތަކަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ %5 (ފަސް އިންސައްތަ) ދެގުނަ ބޮޑުކޮށް، %10 (ދިހަ އިންސައްތަ) އަށް ބަދަލުކުރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެގޮތުން ފުރަތަމަ ފަހަރަށް ކޮމިޓީގެ މެމްބަރުންނަށް ރޯދަ އެލަވަންސްދޭން ނިންމަވާ އެލަވަންސް ދެއްވާފައިވަނީ މިއަހަރުގެ ރަމަޟާން މަހުގައެވެ. އަދި އެކޮމިޓީގެ މެމްބަރުންނަށް ލިބޭ އެލަވަންސަކީ ރަސްމީ މުސާރައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.



