ގައުމީ އެއާލައިން މޯލްޑިވިއަނުން ޗައިނާގެ ތިން ސިޓީއަކަށް ހާއްސަ ޕްރޮމޯޝަނަލް އަގުތަކާއެކު ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ ޕްރޮމޯޝަންގެ ދަށުން މާލެއިން ޝަންހާއި، ޗެންގްދޫ އަދި ބެއިޖިން އަށް ކުރާ ދަތުރުތަކަށް ވަރަށް ހެޔޮ އަގުތަކެއް ވަނީ ހަމަޖައްސައިފައެވެ.
މޯލްޑިވިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރެވޭނީ އަންނަ މަހުގެ 28 އިން ނޮވެމްބަރު 15 އާ ދެމެދުއެވެ.
ޕްރޮމޯޝަންގެ އަގުތައް ރިޓާން ޓިކެޓު ހިމެނޭ ގޮތަށެވެ. މިގޮތުން ޝަންހާއި، ބެއިޖިން، އަދި ޗެންގްދޫ އަށްވެސް ޓިކެޓްގެ އަގުތަށް ވަނީ 449 ޔޫއެސް ޑޮލަރަށް ހަމަޖައްސާފައެވެ.
މޯލްޑިވިއަނުން ބުނިގޮތުގައި ދަތުރުތަކުގެ ތާވަލު ރޭވިފައިވަނީ ފަސިންޖަރުންނަށް އެންމެ ފަސޭހަވާނެ ގޮތަށެވެ. އެގޮތުން މާލެއިން ފުރާ ފްލައިޓްތައް ރޭވިފައިވަނީ ރޭގަނޑު ފުރައިގެން ޗައިނާއަށް ހެނދުނު ދެވޭ ގޮތަށެވެ. އަދި އަނބުރާ އަންނަ ދަތުރުތައްވެސް މާލެއަށް އާދެވޭނީ ހެނދުނުގެ ވަގުތެއްގައެވެ.
މޯލްޑިވިއަނުން އިތުރަށް ބުނިގޮތުގައި ދިވެހި ޕާސްޕޯޓް ހޯލްޑަރުންނަށް ޗައިނާއިން 30 ދުވަހުގެ ހިލޭ ވިސާ އޮން އެރައިވަލްގެ ގޮތުގައި ލިބޭނެއެވެ.



