ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ބެލްޖިއަމް އިން ނިންމާފައިވާތީ، އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރު ބާޓް ޑީ ވޭވާ އަށް އަމާޒު ކޮށްފިއެވެ.
ޖައްބާރު ނަތަންޔާހޫގެ އޮފީހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ބެލްޖިއަމްގެ ބޮޑު ވަޒީރަކީ ވަރަށް ބަލި ކަށި އަދި އިސްރާއީލް ޤުރުބާން ކުރުމަށް ފަހު ޓެރަރިޒަމް އަށް ހިތްވަރު ދޭ މީހެއް ކަމަށެވެ. މީގެ އިތުރުން، ބެލްޖިއަމްގެ ބޮޑު ވަޒީރު ބޭނުން ވަނީ ޓެރަރިސްޓުން ބެލްޖިއަމް ”ދުއްވާލުމުގެ“ ކުރިން، ޓެރަރިސްޓުންނަށް ”ކާންދޭން“ ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
މި މަހު، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ގިނަ ޤައުމު ތަކަކުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ފްރާންސް އާއި އިނގިރޭސިވިލާތުގެ އިތުރުން، ކެނެޑާ އަދި އޮސްޓްރޭލިއާ ވެސް ހިމެނެ އެވެ. މި ހަފުތާގެ ތެރޭގައި ބެލްޖިއަމް އިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާ ކަމަށް އިއުލާން ކޮށްފައެވެ.
ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމުމާ ގުޅިގެން ނަތަންޔާހޫ، ބެލްޖިއަމްގެ ބޮޑު ވަޒީރަށް ފާޑު ކިޔައި ނުރުހުން އަމާޒުކޮށްފައިވާއިރު، މީގެ ކުރިން އޭނާ ވަނީ އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް އަށް ވެސް ފާޑު ކިޔައިފަ އެވެ. އެއީ އޮސްޓްރޭލިއާ އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމާއެކު، އިސްރާއީލްގެ ކަނާއަތު ފިޔައިގެ ސިޔާސީ ލީޑަރަކު އެ ޤައުމަށް ވަނުން މަނާ ކުރުމާ ގުޅިގެންނެވެ.
ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް ޤައުމު ތަކުން ކުރަމުން އަންނަ މަސައްކަތަށް އިސްރާއީލްގެ އިން ނުރުހުން އަމާޒު ކުރަމުން އަންނައިރު، އިސްރާއީލް އަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވެސް އަންނަނީ އެކަމާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެމެރިކާގައި އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވާ ފަލަސްޠީނުގެ ވަފުދަށް ވިސާ ނުދިނުމަށް އެމެރިކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް ވެސް، އެމެރިކާ އަށް ވަނުމަށް މަނާ ކުރާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ.
އެމެރިކާގެ އެ ނިންމުމާ ގުޅިގެން ގިނަ ޤައުމު ތަކުން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެގޮތުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި އެ ޤައުމުގެ ޚާރިޖީ ވަޒީރު ވެސް ވަނީ، އެމެރިކާ އިން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.