ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ތެލެސީމިއާ ކޮންޓްރޯލްކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޓެސްޓްތައް ކުރެވޭނެ މެޝިނަރީ ހޯދުމަށް ބަޖެޓް ހަމަޖެހިއްޖެ

ތެލެސީމިއާ ކޮންޓްރޯލްކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޓެސްޓްތައް ކުރެވޭނެ މެޝިނަރީއާއި އެކަމަށް ބޭނުންވާ މީހުން ހޯދުމަށް ބަޖެޓު ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

”ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު“ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމު ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ވިދާޅުވީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި މި މަސައްކަތުގެ ތެރެއިން ތެލެސީމިއާ ކޮންޓްރޯލްކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޓެސްޓްތައް ކުރެވޭނެ މެޝިނަރީއާއި އެކަމަށް ބޭނުންވާ މީހުން ހޯދުމަށް ބަޖެޓު ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މިގޮތުން ތަޢާރަފްކުރެވޭ ޓެސްޓްތަކުގެ ތެރޭގައި ޖެނެޓިކް ނުވަތަ ޑީއެންއޭ ޓެސްޓް ހިމެނޭ،“ ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ތެލެސީމިއާއަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ކަށަވަރުނުވުމުން ހަދަންޖެހޭ ޑީއެންއޭ ޓެސްޓް ހެދެން ހުރީ ހަމައެކަނި ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަން (ޝީން) އިންނެވެ. ނަމަވެސް މި އައު މެޝިނަރީ ލިބުމުން މި ޚިދުމަތް އިތުރު ތަންތަނުން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި އައު ފިޔަވަޅަކީ ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް