ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.

މި ސާމާނު ރާއްޖެއާ ހަވާލުކުރީ، ހެންވޭރު ބޯޅަ ގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ތަކެތި ހަވާލުކުރެއްވީ ޗައިނާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންވާއެވެ.

އަދި ރާއްޖޭގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢުއެވެ.

ޗައިނާއިން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ފުޖިއާން ޕްރޮވިންސުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ފުޓުބޯޅައާއި، ދަބަހާއި، ތޮފި، ޓްރެކްސޫޓް، އިސްޓާކީނު އަދި ފިރިހެނުންގެ ސޯޓާއި ޓީޝާޓެވެ.

މިއީ އެ ޕްރޮވިންސުން މި އަހަރު ރާއްޖެއަށް ތަކެތި ހަދިޔާކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފުޓްބޯޅަ އާއި ގުޅުންހުރި ސާމާނު ވެސް ހަދިޔާކޮށްފައިވެއެވެ.

ޗައިނާއިން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ޗައިނާ އިން ރާއްޖޭގެ ވޮލީ ބޯޅަ ކޯޗުން ތަމްރީނުކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ހަމަ އެހެންމެ ބާސްކެޓް ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުމާއި، ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް ވަނީ އެހީތެރިވެދީފައެވެ.

ފެބުރުއަރީ މަހު ފުޖިއާން ޕްރޮވިންސާއި ސްޕޯޓްސް މިނިސްޓްރީ އާއި ދެމެދު ވެފައިވާ ފަހުމުނާމާގައި ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީވުމަށް ހިމަނާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް