ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް ފަށައިފި

އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް ރޭ ފަށައިފިއެވެ.

މިއަހަރުގެ ވާހަކަދެއްކުމުގެ މުބާރާތް ދެ ބުރަކަށް ބެހިގެންވެއެވެ. އެއީ ވާހަކަ ދެއްކުމުގެ ބުރާއި، އަރުތަ ބުރެވެ. އެގޮތުން ވާހަކަ ދެއްކުމުގެ ބައިން އެންމެ މަތިން މާކްސް ލިބޭ 10 ދަރިވަރުން އަރުތަ ބުރަށް ދާނެ ކަމަށް، މުބާރާތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، އަރުތަ ބުރު ބާއްވަނީ ދަރިވަރުން ވަޒީފާއަށް ނުކުންނައިރު، ވަޒީފާގެ މާހައުލަށް ތަމްރީނުކުރުމުގެ ގޮތުން ކަމަށެވެ. އަޝްރަފް ވިދާޅުވި ގޮތުގައި މިފަހަރުގެ މުބާރާތުގައި އެހެން މުބާރާތްތަކާ ޚިލާފަށް ތަފާތެއް ވަނީ ގެނެސްފައެވެ. އެގޮތުން އަރުތަ ބުރަށް ހޮވޭ 10 ދަރިވަރުން ޕޯޑިއަމް ދޮށުގައި ހުރެ ވާހަކަދެއްކުމުގެ ބަދަލުގައި، ހާމަކަމާއެކު ސްޓޭޖްމަތީ ވާހަކަދައްކާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އެ ބަދަލު ގެނައި މައިގަނޑު ސަބަބަކީ، ދަރިވަރުންގެ ހަޔާތުގައި ވާހަކަދައްކަން ހަމައެކަނި ބޭނުންކުރާނީ ޕޯޑިއަމް އެކަނި ނޫން ކަމަށާއި، ވަޒީފާގެ މާހައުލަށް ނުކުމެ އެކިއެކި ޕްރެޒެންޓޭޝަން ދިނުމުގައި ވެސް ނުވަތަ އެ ނޫން ވެސް މަތީ މަގާމުތަކަށް އައިސް އެކި ގޮތްގޮތަށް ވާހަކަދައްކަން ޖެހޭނެތީ އެކަމަށް ތަމްރީނެއްގެ ގޮތުގައި ކަމަށް އަޝްރަފް ވިދާޅުވިއެވެ.

މި މުބާރާތުގައި 26 ސްކޫލަކުން ވާދަކުރާއިރު، އަމިއްލަ ގޮތުންނާއި އޮފީސްތަކަށް ވެސް ބަހުސްކުރުމުގެ ބައިގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ. ދިވެހިބަހުގެ އެކެޑަމީން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނީ، މި މުބާރާތް މިދިޔަ ހޯމަ ދުވަހު ފަށައި، އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

ރޭ ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި، ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ ވަރަށް ގިނަ ސްކޫލުތަކަކުން އިންތިޒާރުކުރާ ވާދަވެރި މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް