ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ލިވަޕޫލުން މިފަހަރު ފަހު ވަގުތު ބަލިކޮށްލީ ނިއުކާސަލް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ލިވަޕޫލުން 3-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ނިއުކާސަލުން މި މެޗަށް ނިކުތްއިރު އެޓީމުގެ ފޯވާޑް، އަލެކްސަންޑަ އިސާކް އަންނަނީ ލިވަޕޫލަށް ބަދަލުވުމަށްޓަކައި ހަޅުތާލެއް ކުރަމުންނެވެ. އެގޮތުން އިސާކް ވަނީ ނިއުކާސަލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ވެސް ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ނިއުކާސަލުން އަންނަނީ އޭނާ ވިއްކާލަން ދެކޮޅު ހަދަމުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ނިއުކާސަލުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓްގައި ރަޔަން ގްރޭވަންބާކް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. މިއީ ނިއުކާސަލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

ލިވަޕޫލް މޮޅުކޮށްދިން ގޯލު ކާމިޔާބުކޮށްދިން 16 އަހަރުގެ ރިއޯ އެންގުމޯހާ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ

ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކަށް ކުރި ފައުލަކާ ގުޅިގެން ނިއުކާސަލްގެ އެންތޮނީ ގޯޑަން އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ހޫގޯ އެކިޓީކޭ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އެކިޓީކޭ އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ނިއުކާސަލުން ވެސް ހޯދަން މަސައްކަތް ކުރި ކުޅުންތެރިއެކެވެ. މެޗުގެ 57 ވަނަ މިނެޓްގައި ބްރޫނޯ ގިމަރޭސް ނިއުކާސަލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން އިރު، މެޗުގެ 88 ވަނަ މިނެޓްގައި ވިލް އޮސޫލާ ވަނީ ނިއުކާސަލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މި ގޯލާއެކު ދެ ޓީމު އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް، މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލް މޮޅުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި އުމުރުން 16 އަހަރުގެ ރިއޯ އެންގުމޯހާ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ނިއުކާސަލްގެ އޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ރިއޯ އަކީ ޕްރިމިއާ ލީގުގައި ގޯލެއް ކާމިޔާބުކުރި ހަތަރުވަނަ އަށް އެންމެ ހަނގު ކުޅުންތެރިޔާ އެވެ.

ލީގުގައި ލިވަޕޫލުން އަންނަ ހަފްތާގައި ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި އާސެނަލްއާއެވެ. މި މެޗުވެސް ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބުކުރާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް