ހދ. ހަނިމާދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް، ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި ހަނިމާދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ހޮސްޕިޓަލު ނިމުމުން ރަށުގެ ސިއްޙީ ދާއިރާގެ ޚިދުމަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހަނިމާދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އައު ހޮސްޕިޓަލްތައް އިމާރާތްކުރުމާއި ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މީގެ މައިގަނޑު އެއް މަގުޞަދަކީ ރައްޔިތުންނަށް ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ބޭސްފަރުވާގެ އެންމެހައި ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.