ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ޝިރާނީ އާއި ޖަމްބު ހަސަންއަށް ލައިފް އެޗީވްމަންޓް އެވޯޑެއް

ކުރީގެ މަޝްހޫރު ފިލްމީތަރި ޗިޅިޔާ މޫސާ މަނިކުގެ ހަދާނުގައި ދޭ ”ދިވެހި ފިލްމީ ދާއިރާގެ ލައިފް އެޗީވްމަންޓް އެވޯޑް“، ކުރީގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ޝިރާނީ އަށާއި ޖަންބު ހަސަން އަފީފަށް ރޭގައި ދީފިއެވެ.

މި އެވޯޑުތައް ދީފައިވަނީ މޯލްޑިވްސް ސޮސައިޓީ ފޮ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) ފިލްމް އެވޯޑްސް 2024 އިން ރޭގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ރޭގައި ބޭއްވި ޚާއްސަ ޚަފްލާގައެވެ.

ލައިފް އެޗީވްމަންޓް އެވޯޑް ލިބުމުން ޝިރާނީ ބުނީ، އޭނާ ރޭގައި އެ ޚަފްލާއަށް ދިޔައީ އެވޯޑެއް ލިބޭނެކަމުގެ އުންމީދުގައި ނޫން ކަމަށާއި އެހެންކަމުން އެފަދަ އެވޯޑެއް ލިބުމުން ވަރަށް ”ސަޕްރައިޒްވި“ ކަމަށެވެ.

އެމްއެސްޕީއޭ ފިލްމް އެވޯޑްސް 2024 ގައި ޝިރާނީ

ޝިރާނީގެ އިތުރުން އެ އެވޯޑު ލިބުނު ޖަންބު ހަސަން އަފީފު ބުނީ، އޭނާ ”މަރުވުމުގެ ކުރިން އަގުވަޒަންކޮށް އެވޯޑު ލިބުމުން އުފާވެއްޖެ“ ކަމަށެވެ. މިއަދު ވެސް މުނިފޫހި ފިލުވުމުގެ ދާއިރާއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ތަކްލީފުތައް އަޑު އިވުމުން ހިތްދަތިވާ ކަމަށާއި، ނަމަވެސް ފިލްމީ ދާއިރާގެ މިފަދަ އެވޯޑު ހަފްލާތައް ބާއްވާތީ އުފާކުރާ ކަމަށް ވެސް ޖަންބު ހަސަން ބުންޏެވެ.

ޝިރާނީ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުތީ 1992ގައި، ފިލްމު ”ނަސީބު“ އިންނެވެ. އެއާއެކު ފިލްމީ ދާއިރާގައި އޭނާ އަކީ ވިދަމުން، ކުރިއަރަމުން އައި ތަރިއެވެ. އޭނާ ވަނީ ފިލްމުގެ އިތުރުން ސިލްސިލާ ޑްރާމާތަކާއި، ޓެލެޑްރާމާތަކުގައި މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ވީޑިއޯ ލަވަ އޭނާ ވަނީ ކުޅެފައެވެ.

މީގެ ކުރިން ވެސް ޝިރާނީއަށްވަނީ ފިލްމީ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބިފައެވެ. އެގޮތުން 1994 ގައި ބޭއްވި ”ދިވެހި ފިލްމު ފެސްޓިވަލް-1“ ން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ މަގާމާއި ”އާފަތިސް އެވޯޑްސް1995″ގެ އެންމެމޮޅު އެކްޓްރެސްގެ އިނާމާއި، 1997ގެ އެންމެމޮޅު ނެށުންތެރިޔާގެ އިނާމާއި، ”އާފަތިސް ފިލްމީ އިނާމު 1998″ގެ އެންމެމޮޅު އެކްޓްރެސްގެ އިނާމުގެ އިތުރުން 2001 ވަނަ އަހަރު މުނިފޫހިފިލުވުމުގެ ދާއިރާއިން؛ ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ވެސް ޝިރާނީއަށް ލިބުނެވެ.

ޖަންބު ހަސަން ފިލްމީ ދާއިރާއަށް ތައާރަފްވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ އުފެއްދި ކޮމާޝަލް ފިލްމް، ”ތިން ފިޔަވަޅު“ އިންނެވެ. ގިނަ ފިލްމުތަކަކާއި، ޑްރާމާ ސިލްސިލާ އަދި ވީޑިއޯ ލަވަތައް ކުޅެ، އޭނާވަނީ ބެލުންތެރިންގެ ފަރާތުން ހޫނު ތަރުހީބެއް ހޯދާފައެވެ. ޖަންބު ހަސަން ފިލްމީ ދާއިރާއާއި ދުރަށް ދިޔައީ ކުރިމަތިވި ނުރައްކާތެރި، އެކްސިޑެންޑެއްގެ ސަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް