މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 102 އިންސައްތައިގެ އިތުރުވުމެކެވެ.
މީރާގެ ޖުލައި މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 632 މިލިޔަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ވަނީ ފާހަގަކުރެވޭ ކުރިއެރުމެއް ހޯދިފައެވެ. ގްރީން ޓެކުހަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން ކޮންމެ މަހަކު ބަޔާން ހުށަހަޅައި، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ފައިސާ ދައްކަންޖެހެއެވެ.
ރިސޯޓުތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިން އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 12 ޑޮލަރު ދައްކަންޖެހެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ތަންތަނުން ދުވާލަކަށް 12 ޑޮލަރު، އަދި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދުވާލަކަށް ހަ ޑޮލަރު ނަގައެވެ.
ގްރީން ފަންޑަކީ ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނެގޭ ގްރީން ޓެކްސްއަށް ލިބޭ ފައިސާ ޖަމާކުރާ ފަންޑެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދުކުރަމުންނެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް އަދި ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ.