”މޯލްޑިވްސް މެޑިކަލް ކޮންފަރެންސް“ ރަސްމީކޮށް ފަށައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުންދާތީ، އެމީހުންނަށް ދެވޭ ފަރުވާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ. އަދި މިފަހަރުގެ މި ކޮންފަރެންސަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސްނެގުމާއެކު ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ މަހާސިންތާއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރަމުންދާ ޑޮކްޓަރުންގެ އިތުރުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ މޯލްޑިވްސް މެޑިކަލް ކޮންފަރެންސްގެ ޝިއާރަކީ ”ޖެރިއެޓްރިކް، ލެޓްސް ޓޯކް އޭޖްޑް ކެއަރ“އެވެ.

މި ޝިއާރުން އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ފަރުވާގެ މުހިންމުކަން ރަމްޒުކޮށްދޭއިރު، މިއީ ދިވެހިރާއްޖެއަށާއި އެހެން ގިނަ ޤައުމުތަކަށްވެސް ވަރަށް މުހިންމު ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ދެކެއެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ. އަހުމަދު ރަޝީދު ވިދާޅުވީ، 2030ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީގެ 7 އިންސައްތައަކީ 75 އަހަރުން މަތީގެ މީހުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި އަދަދު 2040ވަނަ އަހަރާ ހަމައަށް އިންސައްތައަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ ބަދަލުތަކަށް ރާއްޖެއިން ކުރިން ތައްޔާރުވެތިބުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޖިސްމާނީ ނުކުޅެދުންތެރިކަން ހުއްޓުވުމަށް ނުވަތަ ލަސްކުރުމަށް އަވަހަށް ފަރުވާދިނުމާއި، ގަވާއިދުން ސްކްރީނިންގ ހެދުން ޔަގީންކުރުން މުހިންމު ކަމަށްވެސް ޑރ. އަހުމަދު ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ސްކްރީނިންގް ނުވަތަ ޗެކްއަޕްތައް ކުރިއަށްގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.