ބ. ކަމަދޫ ސްކޫލްގައި ދެ ކްލާސްރޫމް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކަމަދޫ ސްކޫލްގައި އިތުރު ކްލާސްރޫމްތަކެއް އެޅުމަށް އެފްޑީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގަތުމުން އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރީ މިނިސްޓަރު އިސްމާއިލް ޝަފީއުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލްއެވެ.
މި އެއްބަސްވުމުގެ ދަށުން ކަމަދޫ ސްކޫލަށް އިތުރުކުރާ ބައިގައި އަޅަނީ ދެ ކްލާސްރޫމް އެވެ. މި މަސައްކަތް އެފްޑީސީއާ ހަވާލުކުރީ 5.4 މިލިއަނަށެވެ.
ކަމަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަލަށް އަޅާ ދެ ކްލާސްރޫމްގެ ސަބަބުން އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖަގައިގެ ދަތިކަމާއި ވަސީލަތްތައް ނެތުމުގެ މައްސަލަ ހައްލުވެގެންދާނެކަމަށެވެ.
އަދި ކަމަދޫގެ އައު ސުކޫލަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ސްކޫލު އިމާރާތެއްގެ ގޮތުގައި ހަދައިދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.