ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ޕެސެންޖަރ ޓާމިނަލަށް އިތުރު 7 އެއަރލައިނެއް ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފައެވެ.
މިހާތަނަށް އައު ޓާމިނަލުން ޚިދުމަތް ދެމުން އަންނަނީ ހަމައެކަނި ޤައުމީ އެއާލައިން، މޯލްޑިވިއަން އެކަންޏެވެ. އެ އެއާލައިންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށް މިހާރު ބޭނުންކުރަމުން އަންނަނީ އާ ޓާމިނަލްއެވެ.
އެމްއޭސީއެލްގެ ފަރާތުން އާދީއްތަ ދުވަހު ބޭއްވި ސްޓޭކްހޯލްޑަރުންނާއި އެއަރލައިން ޕާޓްނަރުންގެ ބައްދަލުވުމެއްގައި، އައު ޓާމިނަލަށް ބަދަލުވުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތާއި، އޮޕަރޭޝަންތައް ހިންގުމަށް ރޭވިފައިވާ ގޮތުގެ ތަފްސީލީ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މި މަހުގެ ތެރޭގައި އައު ޓާމިނަލަށް ހަތް އެއާލައިނެއްގެޚިދުމަތް ބަދަލުކުރުމަށް އެމްއޭސީއެލުން އަމާޒު ހިފާފައިވާއިރު، އެއަރލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް އަދި އެއާ އަރަބިއާ ހިމެނެއެވެ. މީގެ އިތުރުން ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ވެސް އައު ޓާމިނަލަށް ބަދަލުކުރެވޭނެއެވެ.
ވީއައިއޭގެ އައު ޓާމިނަލް ހުޅުވީ 26 ޖުލައި 2025 ގައެވެ. 72،000 އަކަ މީޓަރުގެ މި އާ ޓާމިނަލްގައި ގިނަ ޒަމާނީ ޚިދުމަތްތައް ހިމެނެއެވެ. އެގޮތުން ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރާއި، ރާއްޖެއަށް އާ ބަދަލެއްގެ ގޮތުން 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ހިމެނެއެވެ. އަދި ސީޕްލޭންއަށް ޚާއްސަ 24 ޗެކިން ކައުންޓަރ ޤާއިމްކޮށްފައިވެއެވެ.
އިމިގްރޭޝަން ކައުންޓަރުތައް ދެގުނަ އިތުރުކޮށްފައިވާއިރު، ފުރާ މީހުންނަށް 20 އަށްވުރެ ގިނަ ކައުންޓަރާއި 6 އީގޭޓް ހުރެއެވެ. އަންނަ މީހުންނަށް 28 ކައުންޓަރާއި 7 އީގޭޓް ހުރެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް 12 އެއިރޯ ބްރިޖް މި ޓާމިނަލުގައި ހަރުކޮށްފައިވެއެވެ. މި ބްރިޖްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށްވާއިރު، މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.
ބެގޭޖް ސްކޭން ކުރުމަށް އެންމެ ޒަމާނީ ނިޒާމުތަކާއި، ހައި ސްޕީޑް ބެގޭޖް ބެލްޓުތައް މި ޓާމިނަލުގައި ބޭނުންކުރެވޭނެއެވެ. ޓާމިނަލް ބޭނުންކުރަން ފަށާއިރު ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަން އެއާލައިނަށް ކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.
މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލެކެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލުން ކުރިން ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާ ޓާމިނަލުން ބޮޑެތި އެއަރލައިންތަކަށް ޚިދުމަތް ދޭން ފަށާނެއެވެ.