ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ހަވާލުކޮށްފިއެވެ.
ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ.

މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢުއަށް 77.1 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އިމާރަތް ކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ކުންފުނިތަކާ ހަވާލުކުރަމުންނެވެ. މިގޮތުން ދާދިފަހުން ވަނީ ކުޅުދުއްފުށީ ސިޓީގެ މަގުތައް ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތާއި އިތުރު 7 އަތޮޅުގެ 11 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި އާރްޑީސީއާއި ހަވާލުކޮށްފައެވެ.