މާލެއާއި ހުޅުމާލެއިން މިއަދު ކަރަންޓް ކެނޑުނު ވަގުތު، ތެލެސީމިއާ ސެންޓަރުގައި ކަރަންޓްހުރި ކަމަށާ ލޭ އެޅުން މެދުކަނޑާލައިފައި ނުވާ ކަމަށް މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބުރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނެވެ. ނަމަވެސް ގިނަ ސަރަހައްދުތަކަށް މާގިނައިރުތަކެއް ނުވެ އަލުން ވަނީ ކަރަންޓް ފޯރުކޮށްދީފައެވެ.
ޙަލީމް ދާދި ދެންމެއަކު ވިދާޅުވީ ހުޅުމާލޭގައި ހުންނަ ތެލަސީމިއާ ސެންޓަރުގައި މިހާރު ސްޓެލްކޯ ކަރަންޓް ހުރި ކަމަށާ ކަރަންޓް ކެނޑުމުން ވަގުތުން ބެކްއަޕް ކަރަންޓްވެސް ފޯރުކޮށްދެވުނު ކަމަށާ ލޭއެޅުން މެދުކަނޑާލާފައި ނުވާ ކަމަށެވެ.
ޙަލީމް ވިދާޅުވީ ކަރަންޓް ކެނޑުނު ވަގުތު ކްރޮސްމެޗް ހެދުން 5 ވަރަކަށް މިނިޓު މަޑުކޮށްލަންޖެހުނު ކަމަށާ ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޙަލީމް މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވަނީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ތެދުނޫން މަޢުލޫމާތު ފެތުރުން ހުއްޓާލެއްވުމަށް އިލްތިމާސްކުރައްވައިފައެވެ.