ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީއެއް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ތައާރަފުކޮށްފިއެވެ.
ސީއެމްޑީއޭ އިން ބުނި ގޮތުގައި، މި ފެސިލިޓީއަކީ އެ އިދާރާ އާއި އދ.ގެ ތަރައްގީގެ ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީސް) ހިންގުމަށް ފައިސާ ހޯދުމަށް މަގުފަހިކުރުމުގެ މަގްސަދުގައި ތައާރަފުކުރެވުނު ފެސިލިޓީއެކެވެ.
އިނގިރޭސިވިލާތު ސަރުކާރުގެ އެހީތެރިކަމާއެކު ފަރުމާކުރެވިފައިވާ މި ފެސިލިޓީގެ މައިގަނޑު ބޭނުމަކީ، މަސްވެރިކަން، ޓޫރިޒަމް އަދި ކަނޑުފަޅުގެ ވިޔަފާރިތަކާއި ހިދުމަތްތަކުގެ ތެރެއިން ވެލިއު އެޑެޑް އެންޑް ސަސްޓެއިނަބިލިޓީ އޮރިއެންޓެޑް ވިޔަފާރިތަކަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމެވެ.
ސީއެމްޑީއޭ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ފެސިލިޓީ މެދުވެރިކޮށް ބޭންކުތަކާއި ޕްރިންސިޕަލް އެޑްވައިޒަރުންނާއި މާލީ ހިދުމަތްދޭ ފަރާތްތަކުން ވިޔަފާރިތަކަށް ފަންޑު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެއެވެ. އެގޮތުން، އެފަދަ ކުންފުނިތަކުގެ ހަރަދުން ކަނޑައެޅިފައިވާ މިންވަރެއް ކަށަވަރުކޮށްދީގެން ހެޔޮ އަގުތަކުގައި ވިޔަފާރިތަކަށް ފައިސާ ލިބޭނެ އިންތިޒާމު މި ފެސިލިޓީގެ ތެރެއިން ހަމަޖެހިގެންދާނެއެވެ.
ރާއްޖެއަށް ޖޭއެފްއެފް ތައާރަފުކުރުމަކީ ރާއްޖޭގައި ވަރުގަދަ މާލީ އޮނިގަނޑެއް ބިނާކުރުމުގައި ކެޕިޓަލް މާކެޓުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސީއެމްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖޭއޭއެފް ތައާރަފްވެގެން ދިއުމާއެކު ބޭންކިން އާއި ކެޕިޓަލް މާކެޓުން ފަހިކުރެވޭ މަގުތަކުގެ ބޭނުން ހިފައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް މެދުވެރިކޮށް ”ބްލޫ އެންޑް އިންކްލޫސިވް“ އިގުތިސާދަކަށް ބަދަލުވުމަށް އެހީތެރިވެދޭނެ ކަމަށް ސީއެމްޑީއޭ އިން ވަނީ ލަފާކޮށްފައެވެ.



