އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ދިގު ކިޔޫތަކަށް ޙައްލުހޯދުމަށް 15 ޖީޕީ ކްލިނިކް ގާއިމްކުރަން ބަޖެޓް ހަމަޖައްސައިފި

ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ކުރިމަތިވާ ދިގު ކިޔޫތަކުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 15 ޖެނެރަލް ޕްރެކްޓިޝަނާސް (ޖީޕީ) ކްލިނިކް ގާއިމްކުރުމަށް ސަރުކާރުން ނިންމައި، އެކަމަށް ބަޖެޓު ހަމަޖައްސައިފިއެވެ.

މި ކްލިނިކްތަކަކީ ޕްރައިމަރީ އާބަން ކެއާ ހެލްތު ކްލިނިކްތަކެކެވެ.

މާލޭ ހޮސްޕިޓަލްތަކުގެ ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ފުރަތަމަ ޖީޕީ ކްލިނިކް އޮގަސްޓް މަހު ހުޅުވޭނެއެވެ. މި ޕްރޮގްރާމްގެ ދަށުން މާލޭގައި 4 ޖީޕީ ކްލިނިކާއި ހުޅުމާލޭގައި 2 ޖީޕީ ކްލިނިކް ހުޅުވުމުގެ މަސައްކަތް ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ކްލިނިކްތައް ހުޅުވުމުން ބަލިމީހުންނަށް ލިބޭނެ ފަސޭހަތަކުގެ ތެރޭގައި، ފުރަތަމަ ޖީޕީ ކްލިނިކަށް ގޮސް އިނީޝިއަލް ޑައިގްނޯސިސް ހެދުމަށްފަހު، ސީދާ އެ ކްލިނިކުން ބަލިމީހާގެ ބައްޔާ ގުޅޭ ސްޕެޝަލިސްޓް ޑޮކްޓަރަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުން ހިމެނެއެވެ. މިގޮތުން ބަލިމީހުން ވެއިޓިންގ ލިސްޓުގައި ތިބެންޖެހޭ މުއްދަތު ވަރަށް ބޮޑަށް ކުރުވާނެކަމަށް ހަލީމް ވިދާޅުވިއެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން ކިޔޫގައި ދިގު މުއްދަތަކަށް ތިބެންޖެހޭ މައިގަނޑު ސަބަބަކީ ބައެއް ސްޕެޝަލިޓީ ދާއިރާތަކުގައި ޑޮކްޓަރުން މަދުވުން ކަމަށް ހަލީމް ވިދާޅުވިއެވެ. އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އެއްކޮށްލުމުން 32 ސްޕެޝަލިސްޓް ހިދުމަތް ފޯރުކޮށްދެވޭ ނަމަވެސް، ބައެއް ސްޕެޝަލިޓީ ދާއިރާތަކުގައި ހިދުމަތް ދެނީ އެންމެ ޑޮކްޓަރަކު ނުވަތަ ދެ ޑޮކްޓަރުން ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ހަލީމް ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ބަލިމީހުންނަށް ލިބޭ ހިދުމަތްތައް ރަނގަޅުކޮށް، ހިދުމަތް ހޯދަން ކުރަންޖެހޭ ދިގު އިންތިޒާރު ކުރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

ގުޅުންހުރި ލިޔުންތައް