ހުޅުމާލޭގައި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ސިނަމާއެއް އަޅަން ނިންމާފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ އަހާ ފޯރަމްގެ ރޭގެ އެޕިސޯޑުގައި ވާހަކަދައްކަމުން އަސްވާޑް ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މަޝްވަރާކޮށްގެން ހުޅުމާލޭގައި ޒަމާނީ ވަސީލަތްތަކާއެކު ސިނަމާއެއް ގާއިމުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
”މިކަން ކުރަން ބޭރުގެ ޕޮޓެންޝަލް އިންވެސްޓަރުންނާ ވާހަކަދެއްކިއްޖެ. މީކީ ތޯތޯއަށް ރުއްސަން ދައްކާ ވާހަކައެއް ނޫން. އެމީހުންނާ ބައްދަލުވެއްޖެ، އެމީހުން ތިބީ ތައްޔާރަށް،“ ވަޒީރު ވިދާޅުވި އެވެ.
ސިނަމާއެއްގައި ހަތަރެއް ނޫނީ ހަ ފިލުމު އެއްފަހަރާ އެޅުވޭނެ ފެންވަރު ހުންނަން ޖެހޭ ކަމަށާއި އެއްފަހަރާ ގިނަ ފިލްމުތަކެއް އެޅުވުމަކީ ޕްރޮޑިއުސަރުން ބޭނުންވާ ކަމެއް ކަމަށްވެސް އަސްވާޑް ވިދާޅުވި އެވެ.
”އެކި ފިލްމުތައް ބަލަން ވަދެވޭނެ ގޮތަށް ސިނަމާ ތަރައްގީ ކުރާނީ. ހަތަރެއް ނޫނީ ހަ ވަރަކަށް ސްކްރީން ހުންނާނެ. އެތަނުގައި ގޭމްތައް ހުންނާނެ. ޝޮޕިންގް ކޮމްޕްލެކްސް ހުންނާނެ،“ އަސްވާޑު ވިދާޅުވި އެވެ.