މާފަރު އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ބަދަލުވެގެން ދިއުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ، މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

މާފަރު އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރުގެ އެއާޕޯޓަކަށް ބަދަލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެ އެއާޕޯޓަށް މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ވެސް ވަނީ ޖައްސާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ނ. އަތޮޅަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ތަރައްޤީވެފައިވާ އަތޮޅެއްކަމަށާއި އެގޮތުން އެ އަތޮޅުގައި މަތީފަންތީގެ ރިސޯޓްތައް ހިމެނޭގޮތައް 2500 އެއްހައި އެނދު އޮޕަރޭޓްކުރަމުން އަންނަކަމަށެވެ.

މި އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ އެ ސަރަހައްދުގެ ރިސޯޓްތަކާއި، ގެސްޓްހައުސްތައް އަދި އިޤްޞާދީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި މިއީ ރާއްޖޭގެ އިޤްތިޞާދަށްވެސް ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމުގައި ވަޒީރު ސައީދު ފާހަގަ ކުރެއްވިއެވެ.
”ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށާއި ފަތުރުވެރިކަން އޭގެ ޒާތުގައި ވަރުގަދަކުރުމަށާއި އަދި ފަތުރުވެރިކަމުގެ ތެރެއިން އިތުރު ދާއިރާތަކަށް ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރަށް ރާއްޖޭގެ އިޤްތިޞާދީ ސިނާއަތްތައް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އަޅުގަނޑު އަރިސްކުރަން.“ ވަޒީރު ސައީދު ވިދާޅުވިއެވެ.