ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ކުލަބު ވޯލްޑްކަޕް: ޑޯޓްމަންޑުގެ މައްޗަށް ކުރިހޯދައި ރެއާލް މެޑްރިޑުން ސެމީފައިނަލުން ޖާގަ ހޯދައިފި

ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ސްޕެއިންގެ ރެއާލް މެޑްރިޑް ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ރެއާލް މެޑްރިޑް ޖާގަހޯދީ ދެވަނަ ބުރުގައި އިޓަލީގެ ޔުވެންޓަސް 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ޑޯޓްމަންޑް ކުއާޓާ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި މެކްސިކޯގެ މޮންޓެރޭ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

ޑޯޓްމަންޑު އަދި ރެއާލް މެޑްރިޑު ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ފުރަތަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ އެވެ. މިއީ މުބާރާތުގައި ކުޅުނު ފަސް މެޗުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.

ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ފެރާން ގާސިއާ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ޑޯޓްމަންޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ އިތުވަގުތުގެ ގޮތުގައި ދެއްކި ހަމިނެޓުގެ ތެރެއިން ތިންވަނަ މިނެޓިގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް މެކްސިމިލިއާނޯ ބަޔަރ އެވެ. ނަމަވެސް ޖެހިގެންއައި މިނެޓުގައި ރެއާލް ފޯވާޑް ކިލިއަން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާ ވެސް އެޓީމަށް ދެލަނޑުގެ ލީޑެއް ހޯދަދީފައެވެ.

ޑޯޓްމަންޑު އަދި ރެއާލް މެޑްރިޑު ބައްދަލުކުރި މެޗުގެ ތެރެއިން

މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޒުވާން ޑިފެންޑަރު ޑީން ހުއިސަން ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއްދައްކައި ދަނޑުން ފޮނުވާލުމުގެ އިތުރުން ޑޯޓްމަންޑަށް ޕެނަލްޓީއެއް ވެސް ދީފައެވެ. މި ޕެނަލްޓީ އިން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސަރހޯ ގުރާސީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ރެއާލް މެޑްރިޑުން ނުކުންނާނީ ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށެވެ. ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން ޖަރުމަނުގެ ޗެންޕިއަން ބަޔާން މިޔުނިކް ބަލިކުރުމަށްފަހު އެވެ.

ގުޅުންހުރި ލިޔުންތައް