ބްރެޒިލްގެ ޕަލްމެއިރާސް އަތުން 2-1 އިން މޮޅުވެ، ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ.
ފިލަޑެލްފިއާގެ ލިންކޮން ފިނޭންޝިއަލް ފީލްޑްގައި ކުޅުނު މެޗުގައި، ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. އެ ޓީމުން މެޗުގައި ކުރިހޯދީ 16 ވަނަ މިނިޓްގައި ކޯލް ޕާމާ ޖެހި ގޯލުންނެވެ. ޗެލްސީގެ ޓްރެވާ ޗަލޯބާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ޕާމާ ތިރިތިރިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ.

މި ލަނޑާ އެކު، ފުރަތަމަ ހާފުގައި ޗެލްސީ ކުރީގައި އޮވެގެން ނިންމާލި ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން މާ ލަސްތަކެއް ނުވެ، ޕަލްމެއިރާސް އިން އެއްވަރުކުރި އެވެ.
އެ ގޮތުން، މެޗުގެ 53 ވަނަ މިނިޓްގައި މި ލަނޑު ޖެހީ މި މުބާރާތަށް ފަހު، ޗެލްސީއާ ގުޅެން ނިންމާފައިވާ ހުނަރުވެރި ތަރި، އެސްޓެވާއޯ އެވެ. އޭރިއާތެރެއިން އެސްޓެވާއޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒަށް ފުރުސަތެއް ނުދީ ހަނި އޭންގަލުންނެވެ.