ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، ޙާފިޡުންނަށް ދޭ އިނާޔަތް 1 ޖުލައި 2025 އިން ފެށިގެން 2 ގުނައަށް ބޮޑު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މިކަން އިޢުލާން ކުރެއްވީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، ޙާފިޡުން ތަމްރީންކުރުމާއި ޙާފިޡުންނަށް ދޭ އަހައްމިޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމުކަމެއްކަމަށެވެ.
ޙާފިޡުންނަށް މިހާރު އިނާޔަތުގެ ގޮތުގައި ދެމުން އަންނަނީ ކޮންމެ މަހަކުވެސް 2000 ރުފިޔާއެވެ.
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ދާއިރާއަށް އަންނަނީ ޚާއްސަ އަހައްމިޔަތުކަމެއް ދެއްވަމުންނެވެ. އެގޮތުން މިއަހަރު މުޅިން އަލަށް ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާއެއް ބާއްވަވާފައިވާއިރު، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު މަތިކޮށް، އަގުހުރި އިނާމުތަކެއް ދޭ މުބާރާތަކަށް ހައްދަވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



