ބުރާސްފަތި, ޖޫން 19, 2025
spot_img
- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ، މުޅި އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި އަތޮޅުގެ ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އަތޮޅުގައި ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމާއި، އަތޮޅުގައި ވީހާވެސް އަވަހަކަށް ހައުސިން ޔުނިޓް ޤާއިމުކުރުމަށް ބޭނުންވާކަމާއި، ކުޅުދުއްފުށީ އެއާޕޯޓަށް ބާއްވާ އުދުހުންތައް މަދުވުމުން ދިމާވާ ދަތިތައް މެންބަރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

އަދި ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން، އަތޮޅުގެ ރަށްތަކުގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތުމުން ދިމާވާ ދަތިތައްވެސް އެބޭފުޅުން ހިއްސާކުރެއްވިއެވެ. މީގެއިތުރުން އިޤުތިޞާދީގޮތުން މަންފާ ހޯދުމަށް ބޭނުންކުރުމަށް ހދ. ފަރިދޫ ދޫކޮށްދެއްވައި، އަތޮޅުގައި ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށްވެސް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ހދ އަތޮޅު ކައުންސިލުން މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލުން ދެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް