މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ދިވެހި ހުރިހާ ޙައްޖާޖީން ރާއްޖެ އައިސްފިއެވެ. މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދި އަރަބިއްޔާއިން ދިން ކޯޓާގައި ރާއްޖެއިން 1000 ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.
މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ޙައްޖުވެރިން ގޮސްފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން އެންމެ ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއައީ އަންގާރަ ދުވަހުގެ 22:54ގައެވެ. މި ޙައްޖާޖީން ރާއްޖެ އައިސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މި ފްލައިޓުގައި 255 ޙައްޖުވެރިއަކު ރާއްޖެއައިސްފައިވާއިރު، މި ބޯޓު ފުރީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
މީގެ ކުރީގެ އަހަރުތަކުގައި ދިވެހި ހައްޖުވެރިން މަދީނާއަށް ޒިޔާރަތްކުރުމަށްފަހު، އެނބުރި މައްކާއަށް ދަތުރުކޮށް، މައްކާއިން ދަނީ ޖިއްދާއަށެވެ. މިގޮތުން މައްކާއާއި މަދީނާއާއި ދެމެދު 6 ގަޑިއިރުގެ ދަތުރެއް ކުރެއެވެ. އަދި މައްކާއާއި ޖިއްދާއާއި ދެމެދު 2 ގަޑިއިރުގެ ދަތުރެއްކުރަންޖެހެއެވެ. ނަމަވެސް މި އަހަރު ދިވެހި ޙައްޖުވެރިން އަންނަނީ ސީދާ މަދީނާއިންނެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މިފަހަރު ޙައްޖުގެ އިންތިޒާމުތަކާއި މެދު ހުރިހާ ޙައްޖުވެރިންވެސް ހިތްހަމަ ޖެހުން ފާޅުކޮށްފައިވާ ކަމަށެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު އައިރު، 2 ވަނަ ގްރޫޕް އައީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. ޙައްޖުވެރިންގެ ތިން ވަނަ ގްރޫޕް ރާއްޖެ އައިސްފައިވަނީ ހޯމަ ދުވަހު މެނދުރެއް ހާއިރުއެވެ. މީގެ ދެވަނަ ގްރޫޕް އަދި ފަހު ގްރޫޕް އައިސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ.
މިއަހަރު 1000 ފަރާތެއް ޙައްޖުގެ އަޅުކަން އަދާކުރިއިރު، މީގެ ތެރޭގައި ސަރުކާރުގެ އެހީގައި ޙައްޖަށް ގެންދިޔަ، އަމިއްލައަށް ޙައްޖަށް ދިއުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހުންވެސް ހިމެނެއެވެ. މި ހުރިހާ ކޯޓާއެއްވެސް ދޫކޮށްފައިވަނީ، ޙައްޖު ކޯޕަރޭޝަނަށެވެ.
މިއަހަރު ހައްޖަށްދިޔަ ފަރާތްތަކަށް ސަރުކާރުން ވަނީ ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ. އެ ގޮތުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ޖިއްދާ އެއަރޕޯޓުގެ އިންތިޒާމްތަކާއި ދަތުރުފަތުރާއި ކެއުމުގެ އިންތިޒާމްތައް ކުރިއަށްވުރެ މިއަހަރު ފުރިހަމަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ޙައްޖުވެރިން ރާއްޖެ އަންނައިރު، އަރިދަފުސް ރޯގާ ޖެހި، ކެއްސައި ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ކުޑަރުމާލެއް ނުވަތަ ޓިޝޫފަދަ އެއްޗަކުން ނިވާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކެއްސާއި ކިނބިހި އަޅާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.