ބުދަ, ޖޫން 18, 2025
spot_img
- Advertisement -spot_img

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނުގެ ރަޝީދުގެ މައްސަލައިގައި ހަގީގަތް ހޯދަން ރިޔާސި ކޮމިޝަނުން ކުރި މަސައްކަތުގެ ރިޕޯޓްއާންމުކުރަން އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

18 އޭޕްރީލްގައި ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގާ މެދު އާންމުންގެ ކަންބޮޑުވުން އުފެދިފައިވަނިކޮށް، ރައީސް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ 27 އޭޕްރީލްގަ އެވެ. އެ ކޮމިޝަނުން މަސައްކަތް ނިންމައި މިއަދު ރައީސަށް ރިޕޯޓު ވަނީ އަރުވާފަ އެވެ.

އެއާ އެކު، ރައީސް މުއިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރިޕޯޓު އާންމު ކުރުމަށް އެ މަނިކުފާނު މިހާރު އަންގާވާފައިވާ ކަމަށެވެ.

ޔުމްނު ވެއްޓުނީ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. ޔުމްނު ވެއްޓުމުގެ ކުރިން އޭނާއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރު ވެސް ކުރި އެވެ. އެކަމަކު، ވަކި ހިސާބަކުން ޕްރޮސިކިއުޓާ ޖެނެރަލްގެ އިރުޝާދުގެ ދަށުން އޭނާ ބަންދުން ދޫކޮށްލި އެވެ.  ޔުމްނު ވެއްޓުނު ހާދިސާއަށް މަދާމާއަށް ދެ މަސްދުވަސް ފުރޭއިރު، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހްމަދު ޒިލާލަށް މިދިޔަ ހަފްތާގައި ވަނީ ދައުވާކޮށްފަ އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ރައުދަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އޭގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރައުދަށް އެ ދައުވާކުރަނީ ޔުމްނު ވެއްޓުނުކަން އެނގި ހުރެ، އޭނާއަށް އެހީތެރިކަންދީފައި ނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓު ކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފުލުހުން މީގެކުރިން މިމައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ތަހުގީގަށް ބެލެވޭ ކަމަށެވެ. ނަމަވެސް ޔުމްނު ވެއްޓުނީ ނޫން ކަމަށް އޭނާ ބުނާ ކަމަށް އާއިލާ އިން ބުނެ އެވެ.

ޔުމްނު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ އޭނާއަށް މިހާރު ގެންދަނީ މެލޭޝިއާގައި ފަރުވާ ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް