ދައުލަތުގެ އާމްދަނީ މައްޗަށް ދިޔަޔަސް، މިހާރު ޖެހިގެން އުޅޭ މައްސަލައަކީ ކުރީގެ ސަރުކާރުތަކުން އިގްތިސާދު ހަމައަކަށް އެޅުވުމުގެ ނަމުގައި ގައުމަށް ވެފައިވާ ”ހިޔާނާތްތައް“ ބޮޑުވުން ކަމަށް އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު، އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީން ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން، ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް 10 ބިލިއަނެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.
ކޮންގްރެސް ޕާޓީން ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތަކީ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ އެއްޗެއް ކަމަށާއި މިދިޔަ ސަރުކާރުގައި ކޮންމެ ކުންފުންޏެއް ވެސް އޮތީ ތިން ބިލިއަން ނުވަތަ ހަ ބިލިއަން ރުފިޔާ އިން ދަރާފައި ކަމަށެވެ.
ސަލީމް ވަނީ 2018 އިން 2023ގެ ނިޔަލަށް ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ހެދި ދިރާސާތަކުން ފާހަގަވެފައި ހުރި ބައެއް ކަންކަން ހިއްސާކުރައްވާފައެވެ.
ސަލީމް ވިދާޅުވީ، ބޮޑު އަގުގައި މަސައްކަތް ހަވާލުކޮށް، ތަކެތި ގަނެގެން ހަމައެކަނި ފެނަކައަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ’ވަގަށް ނަގާފައި‘ އެބަ އޮތް ކަމަށެވެ.
”މުޅި ހުރިހާ ކުންފުންޏަކަށް ބަލާއިރު، ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ހަމަ ސީދާ ވަގަށް ނަގާފައި. މިދެންނެވީ ބާޒާރުގައި ހުންނަ އަގަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން“ ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އިދިކޮޅުން މިހާރު ކުރަން އުޅޭ ކަމަކީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގެ ވެރިންގެ ބޮލުގައި އެޅުވުނު ވަގު ތުހުމަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި ވެސް އެޅުވުން ކަމަށެވެ. އެކަމަކު އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރައީސް މުއިއްޒު ކަންކަން ކުރައްވަނީ އެއަށް ވުރެ ފުރިހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިހުގައި ހަތަރު ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ ސަލީމް ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތަކީ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެ ތަފުސީލުތައް ތަކުރާރުކޮށް އާންމުންނަށް ހަނދާން ކޮށްދޭން ޖެހޭނެކަން ވެސް ފާހަގަކުރެއްވިއެވެ.