ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ރާއްޖެއަށް އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ގަސް ޕޮޓްތަކެއްގައި ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން ރޭ އަތުލައިގެންފި އެވެ.

ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރޭ ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 18 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ކަމަށާއި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

”ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުތަކާ އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެއްޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވަން،“ އިހުސާން ވިދާޅުވި އެވެ.

”މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުން.“ އިހުސާންގެ ޕޯސްޓްގައި އިތުރަށް ވިދާޅުވިއެވެ.

މިއީ މި އަހަރު މިހާތަނަށް އެއްފަހަރާ އެންމެ ގިނައިން ރާއްޖެއިން މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނެވެ. ދެން އެންމެ ގިނައިން މި އަހަރު ހިފަހައްޓާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އަތުލައިގަތް 14 ކިލޯގެ މަސްތުވާތަކެއްޗެވެ.

މިދިޔަ އަހަރުގެ ރިކޯޑް އަދަދަކީ މިދިޔަ ނޮވެމްބަރުގައި އަތުލައިގަތް 400 ކިލޯގެ މަސްތުވާތަކެއްޗެވެ. އެ ތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ގުޅުންހުރި ލިޔުންތައް