- Advertisement -spot_img

ހޯމަ ދުވަހުން ފެށިގެން 5 ދުވަހަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

މި މަހުގެ 9 ވަނަ ދުވަސް (ހޯމަ ދުވަހުން) ފެށިގެން 5 ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ ހޯމަ ދުވަހުން ފެށިގެން ފަސް ދުވަހަށް ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަ ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކަށް ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ގަދަވަޔާއެކު ބޯކޮށް ވާރޭ ވޭހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް