މިސޒަންގެ ޔުއެފާ ޗެންޕިއަންސް ލީގު ފައިނަލުގައި އިޓަލީގެ އިންޓަ މިލާނާއި ފްރާންސްގެ ޕީއެސްޖީ ވާދަކުރި މެޗު ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަޗްރަފް ހަކީމީ އެވެ. މިއީ އެޓީމުގެ ޒުވާން ފޯވާޑް ޑިޒަޔާ ޑޫއޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޕީއެސްޖީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޑޫއޭ ކާމިޔާބުކުރިއިރު، ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް އުމުރުން 19 އަހަރުގެ ޑޫއޭ އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޚަވިޗާ ކަވަރަޓްސްޚެލިއާ އެވެ.
މިމެޗުގައި ޕީއެސްޖީގެ ފަސްވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން މިޑްފީލްޑަރު ސެންނީ މަޔޫލޫ އެވެ.
މި ތާރީޚީ ކާމިޔާބަކީ އެކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެންޕިއަންކަން ހޯދި ކާމިޔާބިއެކެވެ.

މިއީ ޔޫރަޕްގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތުގެ ފައިނަލެއްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ތަފާތުބޮޑު ނަތީޖާއެވެ. މީގެ ކުރިން ރެއާލް މެޑްރިޑުން ވަނީ 1960 ވަނަ އަހަރުގެ ފައިނަލުގައި އެއިންޓްރަކްޓް ފްރެންކްފާޓް އަތުން 7-3 އިން މޮޅުވެފަ އެވެ. އަދި ބަޔާން މިއުނިކުން 1974 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑް ގެ މައްޗަށް ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މީގެ އިތުރުން މިލާނުން 1989 ވަނަ އަހަރުގެ ޗެންޕިއަންސް ލީގު ފައިނަލުގައި ސްޓެއުއާ ބުކަރެސްޓް އަތުން 4-0 އިން މޮޅުވިއިރު، 1994 ވަނަ އަހަރު ބާސެލޯނާ އަތުން ވެސް މިލާން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.
މީގެ އިތުރުން މިއީ 2020 ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން މިއުނިކް އަތުން ބަލިވި ފަހުން ޕީއެސްޖީ އިން މިމުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވެދިޔަ ތިން އަހަރުތެރޭ އެޓީމުން މިމުބާރާތުގެ ފައިނަލުގައި ކުޅުނު ދެވަނަ ފަހަރެވެ. 2023 ވަނަ އަހަރުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން އެޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
ޖަރުމަނުގެ މިއުނިކުގައި ކުޅުނު މި މެޗުން ހޯދި މޮޅާ އެކު ޕީއެސްޖީ މިވަނީ ތިން ތަށީގެ ކާމިޔާބީ ނުވަތަ ޓްރެބަލް ހާސިލްކޮށްފަ އެވެ. ފްރާންސް ލީގާއި، ފްރެންޗް ކަޕް ހިމަނައިގެން، ޕީއެސްޖީ އަށް މި ކާމިޔާބީ ހޯދައިދިނުމުގެ ފަހަތުގައި ހުރީ، 2015 ވަނަ އަހަރު ސްޕެއިނުގެ ބާސެލޯނާއާ އެކު ހަމަ މި ކާމިޔާބީ ހޯދި އެ ގައުމަށް އުފަން ލުއިސް އެންރިކޭ އެވެ.

އަނެއްކޮޅުން އިންޓަ އަށް ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ އެވެ. ފަހު ވަގުތު އިޓާލިއަން ލީގު ގެއްލުނުއިރު، އިޓާލިއަން ކަޕުން ކެޓީ ސެމީ ފައިނަލުންނެވެ. ވަރުގަދަ ސްކޮޑެއް އޮވެމެ، ބޮޑު ނާކާމިޔާބަކާ އިންޓަ ކުރިމަތިލާން ޖެހުނުއިރު، މިއީ މުބާރާތުގެ ފައިނަލުން ތިން އަހަރު ތެރޭ އެ ޓީމު ބަލިވި ދެ ވަނަ ފަހަރު ވެސް މެ އެވެ.
ގަތަރު ދައުލަތް ހިއްސާވާ ކުންފުންޏަކުން ހިންގާ ޕީއެސްޖީ އަކީ ފަހަކަށް އައިސް އެންމެ ބޮޑު ހަރަދުތަކެއްކުރި ކްލަބެވެ. އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ ޔޫރަޕުގެ ޗެމްޕިއަންކަން ހޯދުމެވެ. އެކަމަށްޓަކައި ބޮޑު އަގުގައި ކީލިއަން އެމްބާޕޭ، ނޭމާ، އަދި ފަހުން ލިއޮނަލް މެސީ ފަދަ ކުޅުންތެރިން ގެނައި ނަމަވެސް ހާސިލެއް ނުވި އެވެ. މި ފަހަރު އެ ޓީމުގެ ފަލްސަފާއަކަށްވީ ޒުވާން ކުޅުންތެރިންގެ ޓީމެއް ބިނާކޮށްގެން ކާމިޔާބު ހޯދުމެވެ.
ޕީއެސްޖީގެ މި ކާމިޔާބީއާ އެކު މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ލިބޭނެ ކަމަށް ބެލެވެނީ އެ ޓީމުގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އަށެވެ. މިރޭ ގޯލެއް ނުޖެހުނު ނަމަވެސް، ޕީއެސްޖީ މިހިސާބަށް އައުމުގައި އެންމެ ބޮޑު ހިއްސާއެއްވި އެއް ކުޅުންތެރިޔަކީ ޑެމްބެލޭ އެވެ.