- Advertisement -spot_img

ސްކައުޓް ހަރަކާތް ދިރުވައި އާލާކުރުމަށް ސަރުކާރުން މަސައްކަތް ކުރާނަން: ރައީސް

ސަރުކާރުން ހުރިހާ ވަސީލަތްތަކެއް ޝާމިލްވާ ގޮތަށް ސްކައުޓް ހަރަކާތް ދިރުވައި އާލާކޮށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ”ޖުމްލަކޮށް ސްކައުޓް ހަރަކާތުގެ އިތުރުން ހިންގާ ހަރަކާތްތައް އެބަހުރި، ކެޑޭޓް ގާލްގައިޑް، ޖުމްލަކޮށް މި ހުރިހާ ހަރަކާތަކަށް ކޮށްދޭންޖެހޭ ހުރިހާ މަސައްކަތެއް ވަރަށް ސަމާލުކަން ދީގެން އަޅުގަނޑު ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން” ކަމަށެވެ.

ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

ވޭތުވެދިޔަ ދުވަސްތަކުގައި ސްކައުޓް ހަރަކާތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ހައްލުތައް ހޯދައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. މިގޮތުން، ވަންނާނެ ތަނެއް ނެތިގެން ބާވެފައިހުރި އިމާރާތްތަކުން އެއްތަނުން އަނެއްތަނަށް ބަދަލުވާންޖެހޭ ކަމަކީ އެކަން ވާންޖެހޭނެ ގޮތެއް ނޫންކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށިފައިވަނީ 1956 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގަ އެވެ. އޭރު މި ހަރަކާތް ފާހަގަކުރެވިފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްޞަ ހަރަކާތެއްގެ ގޮތުގަ އެވެ. 1990 ވަނަ އަހަރު ރާއްޖެ ވަނީ ބައިނަލްއަޤްވާމީ ސްކައުޓް ޖަމްޢިއްޔާ، ވޯލްޑް އޯގަނައިޒޭޝަން އޮފް ދަ ސްކައުޓްގެ މެންބަރަކަށް ވެފަ އެވެ.

ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

މިދިޔަ 69 އަހަރުގެ ތެރޭގައި ސްކައުޓް ހަރަކާތްތައް ހިންގުމުގައި ވަރަށް ފަޚުރުވެރި ކާމިޔާބީތަކެއް މުޖުތަމަޢުއަށް ހޯދައިދެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މިހާތަނަށް ދިވެހި ސްކައުޓުން ވަނީ ކުރު މުއްދަތާއި ދިގު މުއްދަތުގެ ތަފާތު ގިނަ ޖަމްބޮރީތަކުގައި ބައިވެރިވެ، ދުނިޔޭގެ ފެންވަރުގައިވެސް ތަފާތު ކުރިއެރުންތަކާއި އެވޯޑްތައް ހާސިލްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް