ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ސިއްޙީ ދާއިރާއިން ސަރުކާރުގެ މުހިންމު އެއް ސިޔާސަތަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުން: ވަޒީރު ނާޒިމް

ސަރުކާރުގެ ޞިއްޙީ ސިޔާސަތަކީ ބަލިވުމުގެ ކުރިން ދުރާލާ ފިޔަވަޅު އެޅުމުގެ ސިޔާސަތެއްކަން މިއަދު ފެންނަމުންދާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވުނު ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޞިއްޙީ ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި ދިވެހިންގެ ޞިއްޙަތާ ގުޅޭ ކަންކަން ތަންފީޒުކޮށް ނަތީޖާ ނެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހިމް އަބަދުވެސް ބާރުއަޅުއްވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ވަޒީރު ނާޒިމް | ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރު ބިނާވެފައިވަނީ ދުޅަހެޔޮ ސިއްޙަތެއްގައި ކުއްޖަކު އުފަންކޮށް، އެ ކުއްޖާ ދުޅަހެޔޮ ޞިއްޙަތެއްގައި ހެދިބޮޑުވުމަށް ކަމަށާއި، ސަރުކާރުން ކުރަމުންދާ މަސައްކަތަކީ މި ޝިޢާރަށް ބާރުލިބިދޭ މަސައްކަތެއްކަން ޞިއްޙީ ވަޒީރު ފާހަގަކުރެއްވިއެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިކަމަށްޓަކައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އޭގެތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފާޓިލިޓީ ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއި، ތުއްތު ކުދިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކާބޯތަކެތީގެ ޤާނޫނެއް ތަޢާރަފްކޮށް އަމަލުކުރަން ފެށުން ހިމެނެއެވެ. މީގެއިތުރުން ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުދަނާ އެތައް ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށް ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޒިމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ޞިއްޙީ ސިޔާސަތުތަކަކީ ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ހައްލު ހޯދޭނެ ގޮތަށް ބައްޓަން ކުރެވިފައިވާ ސިޔާސަތުތަކެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް