އިނގިރޭސި ޕްރިމިއާ ލީގުގެ ޕްލޭއޮފް މެޗުން 2-1 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް 8 އަހަރަށް ފަހު ސަންޑަލޭންޑް އިނގިރޭސި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފި އެވެ.
ސަންޑަލޭންޑް އެންމެފަހުން ޕްރިމިއާ ލީގުގައި ކުޅުނީ 2017 ވަނަ އަހަރު އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ޕްލޭއޮފް ފައިނަލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޝެފީލްޑުންނެވެ. މި ގޯލު މެޗުގެ 25 ވަނަ މިނެޓްގައި ޝެފީލްޑަށް ކާމިޔާބުކޮށްދިނީ ޓައިރީސް ކެމްޕްބެލް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝެފީލްޑުން އިތުރު ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ސަންޑަލޭންޑަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 76 ވަނަ މިނެޓްގައި އެލީޒާ މަޔެންޑާ އެވެ. އަދި މި މެޗުން މޮޅުވި ގޯލު ސަންޑަލޭންޑަށް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އުމުރުން 19 އަހަރުގެ ޓޮމް ވޮޓްސަން އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޝެފީލްޑްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މި ޕްރޮމޯޝަނާއިއެކު ސަންޑަލޭންޑަށް އާމްދަނީގެ ގޮތުގައި 200 މިލިޔަން ޕައުންޑު ލިބޭނެކަމަށް ލަފާކުރެވެއެވެ. އެއީ ޓީވީ ރައިޓްސްއާއި، ސްޕޮންސަރޝިޕް އަދި މެޗުތަކުން ލިބޭނެ އާމްދަނީއަށް ބަލާފައެވެ. ސަންޑަލޭންޑްގެ ކޯޗުކަމާއި ލެގިސް ލެ ބްރިސް ހަވާލުވިތާ އަހަރެއް ނުވަނީސް އެޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ހާއްސަގޮތެއްގައި ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެހެންކަމުން އަންނަ ސީޒަންގައި ޕްރިމިއާ ލީގުގައި އެޓީމު ކުޅޭ މެޗުތައް ފޯރިގަދަ ވެގެންދާނެކަމަށް ލަފާކުރެވެއެވެ.
ސަންޑަލޭންޑްގެ އިތުރުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް އިނގިރޭސި ދެވަނަ ޑިވިޝަނުން ޕްރޮމޯޓްވެފައިވަނީ ބާންލީ އާއި ލީޑްސް ޔުނައިޓެޑެވެ.