ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް އިޒްރާއީލުން ދެމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ 78 ވަނަ ”ވޯލްޑް ހެލްތު އެސެމްބްލީ“ގައި ފަލަސްތީނާއި ގުޅޭ އިންޓަވެންޝަންގައި މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްވަނީ ގާޒާގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަން ގާޒާ ގެ ރައްޔިތުންނަށް ކަށަވަރުވަމުން ނުދާކަމަށާއި އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ޞިއްޙީ ނިޒާމު ސުންނާފަތިކޮށްލައި، އެތައް ހާސްބައެއްގެ ގެދޮރު ނެތިކޮށްލައި، ޞިއްޙީ ފަރުވާދޭ ތަންތަނަށާއި، ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށްދެމުންދާ ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތަކާއިމެދު ރާއްޖެއިން ކަންބޮޑުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ޙަމަލާތައް ރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރެއްވިއެވެ. އަދި ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި، މެޑިކަލް ސަޕްލައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސްވަނީ ގޮވާލައްވާފައެވެ. އޭގެތެރޭގައި ނަފްސާނީ އެހީތެރިކަމާއި، ކުޑަކުދިންގެ ޞިއްޙަތާއި ގުޅުންހުރި މުހިންމު ކަންކަމާއި، ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެވޭނެ މަގުފަހިކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޞިއްޙަތާ ބެހޭ ވަޒީރުގެ ތަޤްރީރުގައިވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އދ.ގެ މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ކޮންމެ ޤައުމަކަށް އަދި ކޮންމެ ނަސްލަކަށް ނިސްބަތްވީނަމަވެސް އިންސާނީ ޙައްގުތައް ކަށަވަރުވާންޖެހޭކަމަށެވެ. އަދި ރާއްޖެއިން މިމައްސަލައިގައި ސާބިތުކަމާއެކު ކުރެވެން އޮތް ހުރިހާކަމެއް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަންވެސް ވަޒީރުވަނީ ދެއްވާފައެވެ. އަދި ދިވެހީން އަބަދުވެސް ފަލަސްޠީނާއެކު ތިބިކަންވެސް ޞިއްޙީ ވަޒީރުވަނީ ތަކުރާރުކުރައްވާފައެވެ.