ކަޅުއޮށްފުންމި ކެތި ނަކަތުގެ ސިންތާގެ މި ފަހަރުގެ މައުޟޫއު, ”ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާސް“ އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި ސިންތާ ކުރިއަށް ދިޔައީ އިއްޔެ ހަވީރު އިސްވަރު އޮފީހުގައެވެ.
މި ސިންތާ ބޭއްވުނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހުގައެވެ. ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އިތުރަށް ވުޒާރާގެ އިސްވެރީންނާއި ދިވެހި ޤައުމިއްޔަތުގެ އިސްވާރުން އަދި ދިވެހިބަހުގެ އެކެޑަމީއާއި ދާއިރާގެ އިސްބޭފުޅުން މި ސިންތާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިސިންތާގައި ކަސަބު ލިބާހާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްދެއްވީ ގެތުމާއި ދިވެހި ލިބާސް ދިރާސާ ކުރައްވާ އަލްފާޟިލާ ފާޠިމަތު ނަދުޙާ ޢަބްދުލްމުޙްސިނެވެ. ނަދުހާގެ މި ސިންތާގައި ވަނީ ދިވެހި ލިބާހުގެ ކަސަބު ބޯވަޅުގައި ހަމައެއް އޮންނަ ކަން ބަޔާން ކޮށްދީ, ކަސަބު ބޯވަޅުގެ އެކި ފަރުމާތަކަށް ބައްލަވައި, ޒަމާނާ އެއްގޮތަށް ލިބާހަށް ގެންނަ ބަދަލުތަކަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ލިބާހުގެ ތާރީޚާއި ޚާއްސަކަންތައްތަކަށް ވަރަށް ތަފްޞީލްކޮށް ނަދުހާ ވަނީ މި ސިންތާގައި ބައްލަވާފައެވެ. މި ސިންތާގައި ނަދުހާ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސިންތާގެ ބައިވެރިންނާއި މީޑިޔާތައް މެދުވެރިކޮށް ސިންތާ ބެއްލެވި ގިނަ ބެލުންތެރިންގެ ޝައުޤުވެރިކަން ވަނީ ލިބިފައެވެ.
”ހަމައެކަނި ދިވެހީންނަށް ޚާއްސަ ސިފަތަކެއް މި ފޭރާމުގައި ހުންނަކަން, އަދި އެ ސިފަތަކަކީ ކޮބައިކަން އެނގޭނަމަ, ދިވެހިލިބާސް ފަޚުރުވެރިކަމާ އެކު ލާނެ ދިވެހީން ގިނަ ވާނެ. ނޭޝަނަލް އައިޑެންޓިޓީގެ މަޢުލޫމާތުތައް އެނގުން މުހިންމު ވަނީ މިހެންވެ.“ ސިންތާގެ ތަޖުރިބާއާ ބެހޭ ގޮތުން ބައިވެރިއެއް ފާހަގަކުރެއްވިއެވެ.
ނަދުހާ ޙިއްސާކުރެއްވި މަޢުލޫމާތުތަކުގައި ލިބާހަކީ އެއްތައްގަނޑަކަށް ލާ ޔުނިފޯމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ބަދަލަކީ ޒަމާނާ އެއްގޮތަށް އަންނާނެ އެއްޗެއް ކަމަށާއި ނަމަވެސް ދިވެހިންގެ ސަގާފަތާއި ތަރިކައާ ގުޅިފައިވާ މިފަދަ ޚާއްސަ ފޭރާމަކަށް ބަދަލު ގެންނަ އިރު, އޭގެ އަސްލު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ނަދުހާ ފާހަގަކުރެއްވިއެވެ.
ދާއިރާގެ މިފަދަ ދިރާސާތަކަށް ޝައުޤު އުފެދި މި ދިރާސާތަކައިގެން ކުރިއަށް ވަޑައިގަންނަވާ ސަބަބަކީ މިއީ ކަމުގައި ވެސް ނަދުހާ ވަނީ ފާހަގަކުރައްވާފައެވެ.