ރާއްޖޭގައި ދަރިވަރުންގެ ހާޒިރީ ރިކޯޑް ކުރުމަށް ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއް ތަޢާރަފުކޮށް، ބޭނުންކުރަން ފަށައިފިއެވެ.
ތައުލީމީ ވުޒާރާއިން ހާމަކުރިގޮތުގައި މި ސިސްޓަމް ތައާރަފްކޮށް ފުރަތަމަ ބޭނުންކުރަން ފަށާފައި ވަނީ މާލޭގައި ހުންނަ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައެވެ.
މި ސިސްޓަމަކީ ދަރިވަރުންގެ ހާޒިރީ ބެލެހެއްޓުމުގައި އައު ހަރުފަތަކަށް އަރައިގަތުމުގެ ފުރުޞަތު ހުޅުވާލައިދޭ ކަމެއްގެ ގޮތުގައި ތައުލީމީ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ.

ތައުލީމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި އައު ސިސްޓަމް މެދުވެރިކޮށް ދަރިވަރުންގެ ހާޒިރީ ވަގުތުން ރިކޯޑު ކުރެވި، ހާޒިރީގެ ޞައްޙަކަން ކަށަވަރުވެ، އެ ރިކޯޑުތައް ބެލެހެއްޓުމުގައި ސްކޫލަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، މި ސިސްޓަމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚާއްޞަ ކަމަކީ، ދަރިވަރު މެޝިނުގައި ކާޑު ޖައްސާލުމާއެކު ބެލެނިވެރިޔާގެ ފޯނަށް އެސް.އެމް.އެސް އެއް މެދުވެރިކޮށް ދަރިވަރު ސްކޫލަށް ހާޒިރުވެއްޖެކަމުގެ މެސެޖެއް ލިބޭނެ ކަމެވެ.
އެހެންކަމުން މި އައު ސިސްޓަމަކީ ދަރިވަރުންނާ ގުޅޭ ކަންކަމުގައި ސްކޫލާއި ބެލެނިވެރިންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުގެ ހާމަކަން އިތުރުވެ، އަދި ހަރުދަނާވެގެންދާނެ ކަމެއްކަމުގައި ތައުލީމާބެހޭ ވުޒާރާއިން ފާހަގަކުރަށްވައެވެ.
ކުރިއަށް އޮތް ތަނުގައި މި ސިސްޓަމް ބޭނުންކުރުން ފުޅާވެގެންދާނެކަމަށް ބެލެވެއެވެ.



