ރައީސް އޮފީހުން ބުނީ ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، މި މައްސަލއަށް ދާއިމީ ހައްލެއް ހޯދުމަށް، މި މަހުގެ 27 ވަނަ ދުވަހު ބާއްވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް މި މާސްޓާ ޕްލޭން ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރައީސް ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން މި މާސްޓާ ޕްލޭން އެކުލަވައިލެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށްވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.



